ޚަބަރު

ކްލަބް އިމިގްރޭޝަނުން ފަލަސްތީނަށް އެހީވުމަށް 100000 ރުފިޔާ


އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް ކަމަށްވާ، ކްލަބް އިމިގްރޭޝަންގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 1 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މި ފައިސާއަކީ އެ ކްލަބުން ކުރިއަށްގެންދިޔަ ފަންޑް ރައިޒިން ހަރަކާތުގެ ތެރެއިން އެއްކޮށްފައިވާ ފައިސާކަމަށެވެ. އަދި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާއި ފޮނުވުމަށްޓަކައި ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީއާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަން އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ފަންޑް އައިއޭސީއަށް ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުއެވެ.

މި ފަންޑް ރައިޒިން އިވެންޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި އެހީތެރިވާންޖެހޭ ކޮންމެ ކަމެއްގައި އިމިގްރޭޝަންގެ އޮފިސަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަަމަށެވެ.

"ފަލަސްތީނަކީ އެންމެހާ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ބައެއް. އެކަމުގައި އިމިގްރޭޝަންގެ އޮފިސަރުންވެސް ތިބީ ހަމައެގޮތުގައި ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގައި ދެމިތިބޭ ގޮތުގައި" ޝަމްޢާން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ފަންޑް ރައިޒިން އިނީޝިއޭޓިވްގައި، އެ މުވައްސަސާގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަން ލިބިފައިވެއެވެ.

ފަލަސްތީނަށް އެހީވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.