ޚަބަރު

ޝަހީމް، ޙައިދަރު އަދި އުޝާމަށް މަޖިލީހުން ރުހުން ދެއްވައިފި


  • ޝަހީމަށް 83 މެންބަރުން ރުހުން ދެއްވި

  • ޙައިދަރަށް 81 މެންބަރުން ރުހުން ދެއްވި

  • އުޝާމަށް 87 މެންބަރުން ރުހުން ދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިހާތަނަށް ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ މިދިޔަ ފެބްރުއަރީ މަހުގެ4 ވަނަ ދުވަހުއެވެ.

މިވަޒީރުންނަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނެގި ވޯޓުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރުހުން ލިބިފައިވަނީ 83 މެންބަރުންގެ ވޯޓުންނެވެ. އަދި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ޙައިދަރަށް 81 މެންބަރުން ރުހުން ދެއްވާފައިވާއިރު ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމަށް 87 މެންބަރުން ވަނީ ރުހުން ދެއްވާފައެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެއްޅުއްވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ވަނީ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުން ދިނުމަށްފަހު ތިން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

މަޖިލީހުން އެގޮތަށް ނިންމެވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރައްވައި ރުހުން ހޯއްދެވުމަށް އަލުން މަޖިލީހަށް ފޮނުއްވާފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އޭރު ނިންމެވީ އެ މައްސަލަ ފަސްކުރުމަށެވެ. އެގޮތުން، މައްސަލަ ފަސްކުރުމުގެ ސަބަބެއް ކަމަށް އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްލަމް ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރެއް އޮތުމުން ކަމަށެވެ.

19ވަނަ މަޖިލިސް ނިމިގެން ދިޔައިރުވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއެއް ނުކުރެއެވެ. އެހެންވެ، އެ މައްސަލަ ކުރިއަށްގެންދިއުމަށް ނިންމައި 20 ވަނަ މަޖިލީހުން ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ.

މަޖިލީހުން މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމުން ކޮމިޓީން ވަނީ ތިން ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ނިންމަވާފައެވެ. އެގޮތުން އެ ވަޒީރުންނަކީ އެބޭފުޅުން އައްޔަންކުރައްވާފައިވާ ދާއިރާތަކުން ފުންނާބު އުސްބޭފުޅުންތަކެއް ކަމަށް ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.