ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް މާދަމާ އިޢުލާން ކުރާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސްޓުޑެންޓް ލޯނަށް އެދުމުގެ މުއްދަތު މޭމަހުގެ 2 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލީ 500 ފުރުޞަތަށެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެއެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ނިންމަވާފައެވެ.
މަތީ ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މިއަހަރު ލޯނަށް ކުރިމަތިލީ 1709 ދަރިވަރުންކަމަށެވެ. އަދި މި ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް ޢިޢުލާން ކުރާއިރު މިނިސްޓްރީގެ ޕޯޓަލްއިން ފެންނަން ހުންނާނެކަމަށާއި، އެޕްލިކޭޝަންގެ "ސްޓޭޓަސް" ޕޯޓަލްގައި ބަދަލުވެއްޖެކަން މެސެޖަކުންވެސް އެދަރިވަރުންނަށް އެންގޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ނުހޮވޭ ދަރިވަރުން ނުހޮވުނު ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރު ސުވާލެއް އުފެދޭނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެއް ހަފްތާގެ މުއްދަތަކަށް ހުޅުވާލެވޭނެކަމަށާއި ޝަކުވާ ހުށަހަޅަން ބޭނުންކުރާނެ އީމެއިލް އެޑްރެހެއް އިޢުލާނުކުރެވޭނެކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި ވުޒާރާއިން ވިދާޅުވީ އެހެން އަހަރުތުގައި ސްޓޫޑެންޓް ލޯނަށް ހޮވަނީ 500 ދަރިވަރުންކަމަށެވެ. ނަމަވެސް އެއާ ޙިލާފަށް މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވަން ސަރުކާރުން ނިންމަވާފައިވާތީ ދަރިވަރުންގެ އަދަދު 500 އަށްވުރެ ގިނަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.