އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފި އެވެ.
މުބާރާތުގައި ކުޅުނު މި މެޗު ބުރު ކާމިޔާބުކޮށްފައިވަނީ 6-2 ގެ ނަތީޖާއަކުންނެވެ. މި މެޗު އެންމެ ފުރަތަމަ ކުޅުމަށް ތާވަލުކުރީ ހަވީރެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ލައިޓުތަކުގެ މައްސަލަ ހައްލުވުމާއެކު ރޭގަނޑު ކުޅުމުގެ ހުއްދަ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ. އެއާއެކު މުބާރާތުގެ ޝެޑިއުލަށް ބޮޑު ބަދަލެއް ގެނެސް، ހެނދުނުގެ ބަދަލުގައި ރޭގަނޑަށް މެޗުތައް ވަނީ ތާވަލުކޮށްފައެވެ.
މެޗުގައި ސަސް އިން ލީޑުނެގީ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. ސަސްގެ ފުރަތަމަ ލަނޑަކީ ސަސްގެ ކުޅުންތެރިއެއް ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބުރުގެ ކީޕަރު އަލީ އަޝްހަމް އާތިފް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ސަސް އިން ލީޑު ފުޅާކުރީ ފުރަތަމަ ލަނޑު ޖެހިތާ ހަ މިނެޓުފަހުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ނަވާފް ފައުޒީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.
ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ސަސް އިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ހޫދު އަހްމަދެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރު ސްޕޯޓްސް ކުލަބުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ. މިއީ އެ ޓީމުގެ މުހައްމަދު ނިހާން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގައި ސަސްއިން ތިން ލަނޑު ޖެހިއެވެ. މެޗުގެ 47 ވަނަ މިނެޓުގައި ސަސްގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު އައިމަން އަލީ އެވެ. އަދި ސަސްގެ ފަހު ދެ ގޯލު ކާމިޔާބުކުރީ އިޒާން އެވެ.