ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ކަމަކީ ޖާގައިގެ ދަތިކަން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ގައުމީ ރާޒުވާ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި ކުޅިވަރު ކުޅޭނެ ތަންތަނުގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެއެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގައި މިހާރު މަސައްކަތް ކުރިއަށްދާ ބޮޑު ދެ ކޮމްޕެލްސްގެ ސަބަބުން އެސޯސިއޭޝަންތަކަށް ކުޅިވަރު ކުރިއެރުވުމުގައި ހުރި ޖާގައިގެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން އިންޑޯ ކުޅިވަރު ކުޅޭ ތަންތަންވެސް އިތުރު ވެގެންދާނެކަމާއި، ޖާގައިގެ ދަތިކަމަށް ހައްލެއް މިކަމުގެ ސަބަބުން، ރާޒުވާއަށް ވެސް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ، ސަރުކާރުން އިސްނަގައިގެން ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނެއް ހެދިއިރު އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކަމަކީ، ސްކޫލްގެ ތަޢުލީމީ މުޤައްރަރުގެ ތެރެއިން ކުޅިވަރުގެ ކަންކަން ވެސް ކުރިއަށްގެންގޮސްގެން ނޫނީ ދުރު ރާސްތާއަށް ބަލާއިރު ހާސިލްކުރަން ބޭނުންވާ ކަންކަން ނުކުރެވޭނެކަން ކަމަށެވެ.
ޗެސް އެސޯސިއޭޝަނުގެ އެންމެ ބޮޑު އެދުމަކީ ބޭރު ގައުމުތަކުގައި ތަމްރީނު ފުރިހަމަކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށާއި އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ޗެސް އެސޯސިއޭޝަނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އަބަދުވެސް ބަލަން ޖެހޭނީ މޮޅެތި ޓީމުތަކާއި ކުޅުންތެރިންނާ ކުޅެގެން ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.