ކުޅިވަރު

ޔޫރޯ 2024: ޖަރުމަނުގެ ތައްޔާރީތައް


ޖަރުމަނުގައި ފުރަތަމަ ފަހަރަށް ޔޫރޯ މުބާރާތް ބޭއްވުމަށްޓަކައި 10 ސްޓޭޑިއަމެއް ވަނީ ތައްޔާރުކުރެވިފައެވެ. މީގެތެރެއިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ނުވަ ސްޓޭޑިއަމަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރި ސްޓޭޑިއަމްތަކެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތައް:

  • ބާލިން - އޮލިމްޕިއާސްޓޭޑިއޯން ބާލިން - ކެޕޭސިޓީ: 71000
  • ކޮލޯން - ކޮލޯން ސްޓޭޑިއަމް - ކެޕޭސިޓީ: 43000
  • ޑޯޓްމަންޑް - ބީވީބީ ސްޓޭޑިއޯން ޑޯޓްމަންޑް - ކެޕޭސިޓީ: 62000
  • ޑަސެލްޑޯފް - ޑަސެލްޑޯފް އެރީނާ - ކެޕޭސިޓީ: 47000
  • ފްރޭންކްފާޓް - ފްރޭންކްފާޓް އެރީނާ - ކެޕޭސިޓީ: 47000
  • ގެލްސެންކާޗެން - އެރީނާ އޯފްޝާލްކޭ - ކެޕޭސިޓީ: 50000
  • ހެމްބާގް - ވޮލްކްސްޕާކްސްޓޭޑިއޯން ހެމްބާގް - ކެޕޭސިޓީ: 49000
  • ލީޕްޒީގު - ލީޕްޒީގު ސްޓޭޑިއަމް - ކެޕޭސިޓީ: 40000
  • މިއުނިކް - މިއުނިކް ފުޓްބޯލް އެރީނާ - ކެޕޭސިޓީ: 66000
  • ސްޓުޓްގާޓް - ސްޓުޓްގާޓް އެރީނާ - ކެޕޭސިޓީ: 51000

މުބާރާތުގެ މެޗުތައް ކުރިއަށްދާ ކޮންމެ ސްޓޭޑިއަމެއް ހުންނަ ސިޓީއެއްގައި ސަޕޯޓަރުންނަށްޓަކަށް ފޭން ޒޯނުން މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. ވޮލަންޓިއަރ ޕްރޮގްރާމްގެ ދަށުން މުބާރާތުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެގޮތުން 124 ގައުމުން ގާތްގަނޑަކަށް 146000 އެއްހާ މީހުން މިކަމަށް އެދި ހުށަހެޅިއެވެ. އޭގެތެރެއިން 16000 މީހުން ވަނީ ހޮވާލެވިފައެވެ.

"ފުސްބޯލީބޭ" ގެ ނަމުން ނަންދީފައިވާ މި ފަހަރުގެ ޔޫރޯގެ އޮފިޝަލް ބޯޅަ ތައާރަފްކުރީ މިދިޔަ ނޮވެންބަރު މަހެވެ. ޖަރުމަނުގެ ބަހުން "ފުޓްބޯޅަ އޮތް ލޯބި" މާނަ ދޭހަވާ މި ބޯޅައިގައި އެޑިޑާސްގެ ކަނެކްޓެޓް ބޯލް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ. މިއީ ޔޫރޯގައި މި ޓެކްނޮލޮޖީ ބޭނުންކުރާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި މި ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފައެވެ. މީގެ ޛަރިއްޔާއިން ވީއޭއާރް ޓީމަށް ބޯޅައިގެ ޑޭޓާ ފޯރުކޮށްދިނުމުގައި އެހީތެރިވެދީ، އޮފްސައިޑް ނިންމުންތައް ފުރިހަމަކަމާއެކު ނިންމާލޭވޭނެއެވެ.

މުބާރާތުގެ މެސްކޮޓްގެ ނަމަކީ "އަލްބާޓް" އެވެ. "އަލްބަރޓް" އަކީ ޓެޑީ ބެއާ އެކެވެ. މި ނަން ދެވުނީ ޔޫރަޕްގެ ގައުމުތަކުގެ ސްކޫލްކުދިންގެ އިތުރުން ޔުއެފާގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލި ވޯޓަކަށްފަހުއެވެ. މި ނަން ކިޔަން ނިންމީ 32 އިންސައްތަ ވޯޓު ލިބިގެންނެވެ. މި މެސްކޮޓް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.