ކުޅިވަރު

ޔޫރޯ 2024: މުބާރާތުގައި ފާހަގަކޮށްލެވޭނެ ކުޅުންތެރިން


މިހާރު އުމުރުން 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލްގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ، ރޮނާލްޑޯ އަކީ ލަނޑު ޖެހުމުގައި އެހެން ކުޅުންތެރިންނަށް ނަމޫނާއެކެވެ. މިފަހަރުގެ ޔޫރޯގައި ޕޯޗުގަލް ހޯދާ ކުރިއެރުން ބިނާވާނީ ރޮނާލްޑޯގެ ފަރާތުން ފެންނަ ކުޅުމަށެވެ.

ލޫކާ މޮޑްރިޗަކީ ކްރޮއޭޝިއާގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. އުމުރުން 38 އަހަރުގައިވެސް މޮޑްރިޗްގެ މުހިއްމުކަން ދަނޑުމަތީގައި އޭނާ ދަނީ ދައްކަމުންނެވެ. މިއީ ކްރޮއޭޝިއާ އާއެކު ބޮޑު މުބާރާތެއް ކާމިޔާބުކުރަން މޮޑްރިޗަށް ލިބޭނެ ފަހު ފުރުސަތެވެ.

ކުރިއަށް އޮތް ސީޒަނަށް ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ، ރެއާލް މެޑްރިޑަށް ބަދަލުވި ކީލިއަން އެމްބާޕޭ އަކީ ފްރާންސްގެ ހުރިހާ އުއްމީދެއް ގުޅިފައިވާ ކުޅުންތެރިޔާއެވެ. އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ހެދި ހެޓްރިކާއެކު އެމްބާޕޭ އަކީ ސުޕަރ ސްޓާރެއްކަން އޭނާ ސާބިތުކޮށްދިނެވެ. ފްރާންސުން މި ފަހަރުގެ ޔޫރޯގެ ތަށި އުފުލާލައިފިނަމަ، އޭގައި އެމްބާޕޭގެ ހިއްސާ ބޮޑުވާނެއެވެ.

އަމިއްލަ ގައުމުގައި ޖަރުމަނުން ޔޫރޯ ތަށި ހޯދުމަށްކުރާ މަސައްކަތުގައި އެންމެ ބޮޑު ޒިންމާއެއް އެޅިފައިވާ ކުޅުންތެރިއަކީ ޓޮނީ ކްރޫސްއެވެ. ކުލަބު ފުޓްބޯޅައިގައި ހުރިހާ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކްރޫސްއަށް ގައުމީ ޓީމާއެކު ނުލިބި އޮތް ޔޫރޯ ހޯދުމަށް މިއީ ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

މެންޗެސްޓާ ސިޓީން މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގެ ހިއްސާ ބޮޑު އެއް ކުޅުންތެރިއަކީ ކެވިން ޑި ބްރޭނާއެވެ. ބެލްޖިއަމްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށްވާ، ޑި ބްރޭނާ އަކީ އަދިވެސް އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މި ފަހަރުގެ މުބާރާތުން ބެލްޖިއަމް ރަނގަޅު ހިސާބަކަށް ގެންގޮސްދިނުމުގައި އޭނާގެ ދައުރުބޮޑުވާނެއެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ވާޖިލް ވެން ޑައިކަކީ ނެދަލަންޑްސްގެ ޑިފެންސްގެ މުހިއްމު ތަނބުގެ އިތުރުން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އޭނާ ލިވަޕޫލްގައި ދެއްކިފަދަ މޮޅު ކުޅުމެއް ތަކުރާރުކުރެވިއްޖެނަމަ، މިފަހަރު މުބާރާތުގައި ނެދަލެންޑްސްއިން ބޮޑު ކާމިޔާބީއެއް ހާސިލުކުރުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ސްޕެއިނުގެ މިޑްފީލްޑްގެ އިންޖީނު ކަމަށްވާ ރޮޑްރީއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޑު ޑިފެންސިވް މިޑްފީލްޑަރެވެ. މެންޗެސްޓާ ސިޓީ މިއަދު އޮތް މަގާމަށް ގެނައުމަށްޓަކައި މުހިއްމު ދައުރެއް އަދާކުރި ރޮޑްރީއަކީ ގިނަ ޒިންމާތަކަކާއެކު ކުޅުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ.

އިނގިރޭސިވިލާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ހެރީ ކޭން އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. ކޭން އަކީ ލަނޑުޖެހުމުގެ އިތުރުން ޕްލޭމޭކިންގ ރޯލު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ.

އެންމެ ކުރިއެކޭ އެއްގޮތަށް ލަނޑު ޖެހުމުގެ ރެކޯޑް ނުދެމެހެއްޓުނުނަމަވެސް ރޮބަޓް ލެވަންޑޯސްކީއަކީ ޕޮލަންޑްގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާއެވެ. މި ފަހަރުގެ ޔޫރޯ އަކީ ޕޮލަންޑާއެކު ލެވަންޑޯސްކީ ނިކުންނަ އެންމެ ފަހު މުބާރާތަށްވުން ގާތެވެ.

މިކައިލޯ މުޑްރިކަށް މިހާރުގެ ކުލަބުގައި މިހާތަނަށް އެންމެ މޮޅު ކުޅުން ދެއްކިފައި ނުވިނަމަވެސް އޭނާ އަކީ ޔޫރޯގައި ޔޫކްރެއިންގެ ހުރިހާ އުއްމީދެއް ގުޅިފައިވާ ކުޅުންތެރިޔާއެވެ. ބޮޑު ހޭދައެއްކޮށްގެން ޗެލްސީއަށް ގެންދިޔަ ސަބަބު ސާބިތުކޮށްދޭން މިއީ އޭނާއަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

އާރްބީ ލައިޕްޒީގުން ވިދާލި ޑޮމިނިކް ސޮބޯސްލާއީ އަކީ ހަންގޭރީގެ ކެޕްޓަންގެ އިތުރުން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މި ފަހަރުގެ ޔޫރޯގައި ހަންގޭރީން ރަނގަޅު ނަތީޖާތަކެއް ހޯދުމަށްޓަކައި މިހާރު ލިވަޕޫލަށް ކުޅެމުން އަންނަ ސޮބޯސްލާއީގެ ދައުރު ބޮޑުވާނެއެވެ.