ޚަބަރު

ދިވެހިރާއްޖެއަށް އެގްމޮންޓް ގްރޫޕްގެ މެންބަރުކަން ލިބިއްޖެ


  • އޮގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫއިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެފްއައިޔޫއަށް، އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސްގެ މެންބަރަކަން ލިބިއްޖެއެވެ.

އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް، އެގްމޮންޓް ގްރޫޕަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެކެވެ.

އެގްމޮންޓުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ހަމަޖެހިގެން ގޮސްފައިމިވަނީ ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫއިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުކަމަށެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައި ވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ އެގްމޮންޓް ގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންދާނެކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެމްއެމްއޭއިން އަދި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.ަ އަދި އެގްމޮންޓްގެ މެންބަރުކަން ހޯދުމުގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވި ދިވެހިރާއްޖޭގެ އިދާރާތަކަށާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް އެމްއެމްއޭއިން ޝުކުރުދެންނެވިއެވެ.