ކުޅިވަރު

ބެލްޖިއަމް: ރަންޖީލުގެ ނިމުން ހުސްކޮށް ދިޔަ ނުދޭނެ!


ބެލްޖިއަމަކީ ފުޓްބޯޅަ އަށް މޮޅު ގައުމެކެވެ. ސްޓީލް އާއި ޓެކްސްޓައިލް އަދި ކެމިކަލް އާއި ގޭހާއި ކަރުދާސް އުފެއްދުމުގެ އިތުރަށް ކެއިންބުއިމުގައި ވެސް އަރާތިބި ބައެކެވެ. ގައުމުގެ ގިނަ ބަޔަކު ޖަރުމަނު ބަހުން ވެސް ވާހަކަ ދައްކައިއުޅެ އެވެ. މިހެންވެ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ލުއިފަސޭހަ އިންތިޒާމްތަކެއް ގެންގުޅޭނެ އެއް ޓީމަކީ ބެލްޖިއަމެވެ.

ބޮޑު މުބާރާތަކަށް ބެލްޖިއަމް މި ފަހަރު ނުކުންނައިރު ޓީމުގައި ގިނައީ ވެސް އަދިވެސް ރަންޖީލުގެ ކުޅުންތެރިންނެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑްގެ ގޯލް ބެލެހެއްޓި ނަމަވެސް ގޯލްކީޕަރު ތިބައޫ ކޯޓުއާ ނުކުޅޭނެ އެވެ. އޭނާ ހިތްހަމަނުޖެހިފައިހުރި އެއް ސަބަބަކީ ކެޕްޓަންކަން ނުދިނުން ކަމަށްވެ އެވެ. މި ފަހަރު ޓީމުގެ ކެޕްޓަންކަން ކުރާނީ މެންޗެސްޓާ ސިޓީ އަށް ކުޅޭ މިޑްފީލްޑަރު ކެވިން ޑެބްރޫނޭ އެވެ. އޭނާ އާއި ކޯޓުއާ އަކީ ހިތުގައިއޮތް ހަތުރުވެރިކަން ގައުމީ ޖާޒީގައި ނުދައްކައި ތިއްބަސް މާ އެކުއެކީގައި އުޅޭ ބައެއްނޫނެވެ.

ބެލްޖިއަމް ޓީމުގައި ތަރިން އެބަތިއްބެވެ. އެކަމަކު މިޝޭލް ސަބްލޮމް އުފެއްދި ޓީމުގެ ކުޅުންތެރިން ޔޫރަޕުގެ މަތީ ފަންތީގެ ކުލަބުތަކުގައި ދައްކާ ކުޅުން ގައުމީ ޓީމަކުން ނުފެނެ އެވެ. ކުޅުންތެރިން ވެސް އެކުލަވާނުލެވެ އެވެ. އެންމެ ފަހުގެ ދެ ވޯލްޑްކަޕާއި ޔޫރޯއިން ބެލްޖިއަމް ހުސްއަތާ ރަށަށް ދާން ޖެހުނު ސަބަބަކީ ވެސް ޓީމުގައި ފެންވަރު ނެތުމަށްވުރެ ބޮޑަށް ރޭވުންތެރިކަމާއެކު ޓީމު ވަންތަކަން ނެތުމެވެ.

މި ފަހަރުގެ ޓީމުގެ ކޯޗަކީ ޑޮމެނިކޯ ޓަޑެސްކޯ އެވެ. އޭނާ ބުނީ ކަރުދާހުގައި ބެލްޖިއަމްއަކީ އަބަދުވެސް ފެވަރިޓުން ކަމަށާއި ނަމަވެސް އެނަން ލިބިގެންވީކަމެއްނެތްކަން ކުޅުންތެރިންނަށް ވެސް ވިސްނައިދެމުން އަންނަ ކަމަށެވެ. ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީގެ އުކުޅުތަކާ ހިލާފަށް ޓަޑެސްކޯ ވަނީ ބެލްޖިއަމް ޓީމު ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. ތިން ޑިފެންޑަރުންގެ ބަދަލުގައި އޭނާގެ ފޯމޭޝަން ފަށަނީ ވެސް ފަހަތުގައި ހަތަރު ކުޅުންތެރިން ތިބެގެންނެވެ. ފަހަތުގެ ކުރިމަތިން ޓީމުގެ މައި ތަނބަކީ އަމަޑޫ އޮނާނާ އެވެ. އޭނާ އަކީ ފަހަތް ބަލަހައްޓަމުން ކުޅުވައިދޭ މޮޅު ޕިވޮޓެކެވެ. އެލެކްސް ވިސްޓެލް އުމުރު މަތިވެ އެންމެ މޮޅަށް ނުކުޅެވުނަސް އޭނާގެ ތަޖުރިބާގެ ބޭނުން ކުރުމަށް ބެލްޖިމްގެ ވަނީ ނިންމައިފަ އެވެ.

މެދާއި ފޯވަޑް ލައިން ގުޅުވައިދޭނެ މީހަކީ ޑެބްރޫނޭ އެވެ. ކުރީގައި ލީޑްކުރަނީ ރޮމެލޫ ލުކާކޫ އެވެ. އެކަމަކު މުހިންމު މެޗުތަކުގައި އޭނާ އަށް ގޯލު ނުޖެހޭތީވެ ސަޕޯޓަރުންގެ ނުރުހުން އަބަދުވެސް އަމާޒުވެ އެވެ. މި ފަހަރުގެ މުބާރާތަކީ ޑެބްރޫނޭ އާއި ލުކާކޫ ފަދަ ކުޅުންތެރިން ޕީކްގައި ތިބެ ކުޅޭނެ ފަހު މުބާރާތަށްވުން އެކަށީގެންވެ އެވެ. މިހެންވެ ގައުމީ ޖާޒީގައި ތައްޓެއް ހޯދަން އެމީހުންނަށް ލިބޭ ފަހު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ކުޅުންތެރިންނަށް ކޯޗު ވަނީ ނަސޭހަތްދީފަ އެވެ.

ބެލްޖިއަމްގެ ޓީމުގެ ދެ އަރިމައްޗަކީ ކޮންމެ ޓީމަކުން ވެސް ޖެހިލުވާނެ ދިމާލެކެވެ. ޖޯން ބޮކަޔޯކޯ އާއި ޖެރެމީ ޑޮކޫ ޑޮޑީ ލުކެބަކިއޯ އާއި ލިއޮނާޑޯ ޓްރޮސާޑް އަކީ ކޮންމެ ވަގުތެއްގައި ވެސް އެޓޭކް ވަރުގަދަކޮށްދޭނެ ކުޅުންތެރިންނެވެ. މިހެންވެ ޓަޑެސްކޯގެ ޓީމު ފެނިގެންދާނީ ބޯލަ ލިބުމުން އެޓޭކްގައި ގިނަ ކުޅުންތެރިން ބައިވެރިވާ އަދި ބޯޅަ ގެއްލުމުން 4-4-2 އަށް ކުޅެ ޓީމެއްގެ ގޮތުގަ އެވެ.