ޚަބަރު

ކައުންސިލުތަކަށް ސިވިލް ސަރވިސްގެ ތެރެއިން އަވަސް ހައްލެއް ހޯދާދޭނަން: އާދަމް ޝަރީފް


  • ވަޒީރުވަނީ ބ. އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވާފައި

  • ރަށްރަށުގެ ހުރި ކަންބޮޑުވުންތައް ވަނީ އޮޅުންފިލުވާފައި

  • ހައްލުތައް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި

ކައުންސިލުތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ސިވިލް ސަރވިސްގެ ތެރެއިން ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފު މިހެން ވިދާޅުވީ ބ.އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ކައުންސިލުތަކަށާއި، ޑަބްލިޔު.ޑީ.ސީތަކުން އަދާކުރެއްވި މެހްމާން ދާއިރާއާ ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ބ.އަތޮޅަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ބ.އަތޮޅުގެ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކައުންސިލްތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާތަކަށް މީހުން ލިބުމުގައި ހުރި ދަތިތަކާއި ރަށްރަށުގެ އެހެން ވަޒީފާތަކުން ލިބޭ މުސާރަ ރަނގަޅުވުން ކަމަށް ވިދާޅުވިއެވެ.

އަދި މުނިސިޕަލް މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް ރިސްކު ބޮޑުވުމަކީވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިފަދަ މައްސަލަތަކާ ބެހޭގޮތުން ސިވިލި ސަރވިސް އާއި މަޝްވަރާކުރައްވާނެކަމަށެވެ.

ވަޒީރުގެ މި ދަތުރުފުޅުގައިވަނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޭތުވެދިޔަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަވެރިކޮށްދެއްވާފައެވެ.