ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: އޮޑި ސްޕޯޓްސް ބަލިކޮށް ޓީސީއަށް ރަނގަޅު ފެށުމެއް


އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެޗުގައި ފެނިގެންިދޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޓީސީއަށް ކާމިޔާބުކޮށްދިނީ ފިޒާންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

ހެނދުނު ކުޅުނު މި މެޗުގެ ކޮންމެ ހާފެއްގެ 25 މިނެޓަށްފަހު ވޯޓާ ބްރޭކެއް ނެގިއެވެ. އޮޑި ސްޕޯޓްސްއަށް މި މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ޓީސީން ވަނީ އެ ޓީމުގެ ޑިފެންސްލައިނުން ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނާއި ޔޫތު ޗެމްޕިއަންޝިޕުގައި މުޅިން އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އާ، ޓީސީ އާއި، ބުރު ސްޕޯޓްސް ކުލަބު އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި މި މުބާރާތުގެ ދެ ޗެމްޕިއަނުން ހިމެނުނީ ގްރޫޕް ބީގައެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ޗެމްޕިއަން ކުލަބު ގްރީން ސްޓްރީޓްސް އާއި، 2022 ވަނަ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސްގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރެވެ. އެ ގޮތުން ހެނދުނުގެ މެޗުތައް 8:00 ގައި ފަށާއިރު، ހަވީރު ކުޅޭ މެޗުތައް ފަށާނީ 16:00 ގައެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް އާއި ސަސްއެވެ.