ކުޅިވަރު

އަޔަލަންޑް އަތުން ސްޕެއިނަށް ފަސޭހަ މޮޅެއް


ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރޭ ނޯދަން އަޔަލަންޑުން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު ސްޕެއިނުން މޮޅެއް ހޯދައިފިއެވެ.

ސްޕެއިނުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއްވެސް ވަނީ އުފައްދާފައެވެ.

މެޗު ފަށައިގެން ސްޕެއިނަށް ހަމަނޭވާ ނުލެވެނީސް އަޔަލަންޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޑެނިއަލް ބަލާޑެވެ. މިއީ އޭނާ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.

ސްޕެއިނުން ނަތީޖާ އަނބުރާލާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން ފުރަތަމަ ހާފުގެ 23 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 12 ވަނަ މިނެޓްގައި އޭރިއާބޭރުން ޕެޑްރީ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ނަވާސް ނެގި ހުރަހަކުން ޓީމުގެ ކެޕްޓަން އަލްވާރޯ މޮރާޓާ ވަނީ ލީޑު ނަގާފައެވެ.

ސްޕެއިނުގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ 29 ވަނަ މިނެޓުގައެވެ. އަރިމަތިން އަރައި ނިކޯ ވިލިއަމްސް ނެގި ހުރަހަކުން މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެޑްރީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ފަބިއަން ރުއީޒެވެ. މިއީ 16 އަހަރުގެ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.

ފަސްވަނަ ލަނޑު ކާމިޔާބުކުރީ މިކޭލް އޮޔާޒަބާލްއެވެ. މިއީ ދެވަނަ ހާފުގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އެންމެ ފަހުން ސްޕެއިން ކުޅުނު ދެ މެޗުގައި އޮޔާޒަބާލް ވަނީ ހަަތަރު ލަނޑު ޖަހާފައެވެ. މެޗުގެ ދެވަނަ ހާފު ސްޕެއިން ކުޅުނީ ޓީމަށް ބަދަލުތަކެއް ގެނެސްގެންނެވެ،

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ހިމެނެނީ ގްރޫޕް ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްޕެއިންގެ އިތުރުން ކްރޮއޭޝިއާ އާއި އިޓަލީގެ އިތުރުން އަލްބޭނިއާއެވެ.