ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރަނގަޅު ފޯމެއްގައި އޮތް ޕޯޗުގަލް ބަލިކޮށް ކްރޮއޭޝިއާއިން ފެންވަރު ދައްކާލައިފިއެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗު ކްރޮއޭޝިއާއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމާއެކު ދަނޑަށް ވަދެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ކްރޮއޭޝިއާއިން ވަނީ ލީޑު ނަގާފައެވެ. މިއީ މެޗުގެ އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ޕޯޗުގަލްއަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ މާ ބޮޑު ކަމެއް ނުކުރެވިއެވެ. ނަމަވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.
ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ނެލްސަން ސެމޭޑޯ ދިން ބޯޅައަކުން ޑިއޯގޯ ޖޮޓާ ވަނީ ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ކްރޮއޭޝިއާއިން ވަނީ މި ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިއީ އަންޓޭ ބުޑިމިއޭ ކާމިޔާބުކުރި ލަނޑެކެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް އެފްގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ޗެކް ރިޕަބްލިކާއި ޖޯޖިއާގެ އިތުރުން ތުރުކީއެވެ. ގްރޫޕުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ބައްދަލުކުރާނީ ޖޯޖިއާއާއެވެ.