ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގެ ދެ މުބާރާތެއްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް


ދެކުނު އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާއިން ބާއްވާ ފިރިހެނުންގެ 17 އަހަރުން ދަށުގެ މުބާރާތާއި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ޖުމްލަ ތިން މުބާރާތެއްގެ ގުރު ނަގާފައިވާއިރު، ދެން ނަގާފައިވަނީ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގެއެވެ.

ސާފްއިން މި އަހަރު ބާއްވާ ތިން މުބާރާތެއްގެ ގުރުއަތުލުން މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ 17 އަހަރުން ދަށުގެ މުބާރާތާއި، 20 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން ސާފް ވިމެންސް ޗެމްޕިއަންޝިޕެވެ.

ފިރިހެނުންގެ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްއެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި، ނޭޕާލާއި، ބޫޓާން އަދި ސްރީ ލަންކާއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ލައްވާލީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ބޫޓާނެވެ. އޮގަސްޓް 16 އިން 28 އަށް ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޭޕާލާއި، ބަންގްލަދޭޝް އާއި، ޕާކިސްތާން އަދި ލަންކާއެވެ.

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕު ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 17 އިން 30 އަށް ނޭޕާލްގެ ކަތަމަންޑޫގައެވެ. ޖުމްލަ ހަތް ގައުމެއް މި މުބާރާތުގައި ވާދަކުރެއެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ. ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ހޯސްޓް ނޭޕާލާއި، ލަންކާ އަދި ބޫޓާނެވެ.

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގެ ގުރު ނެގިއިރު ރާއްޖޭގެ އަންހެން ފުޓްބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ ހާލަތު ދަށްވެ މުޅި އެފްއޭއެމްގެ ހިންގުން ބޮއްސުންލާފައިވާއިރު، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން 2022 ގައި ބޭއްވި މުބާރާތުގައި ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް ބަލިވެފައެވެ.

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް ރާއްޖެއަށް އެންމެ ކާމިޔާބު މުބާރާތަކީ 2016 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރު ރާއްޖެއިން ލަންކާ އާއި ބޫޓާން ބަލިކޮށް ސެމީގައި ކުޅުނެވެ. ސެމީގައި ބަލިވީ ބަންގްލަދޭޝް އަތުންނެވެ.