ޚަބަރު

ތިމާވެށީގެ ހޭލުންތެރިކަމާ ގުޅޭގޮތުން، ވައިކަރަދޫގައި ކުޑަކުދިންގެ ހަވީރެއް!


  • ކުޑަދިންނަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމާއި ޕޯސްޓަރު ކުރެހުމާއި ފޮޓޯ މުބާރާތެއް ބޭއްވި

  • އޮނުން ތަކެތި ހެދުމުގެ މުބާރާތެއް ބޭއްވި

  • އޮނުގެ މުހިންމުކަމާގުޅޭ މަޢުލޫމާތު ވަނީ ދީފައި

އޮނު ގަސް އިންދައި އޮނު އާލާކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ފައިދާއާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހދ.ވައިކަރަދޫގައި ކުރިއަށްގެންގޮސްފިއެވެ.

އޮނަކީ ޖައްވަށް ބޭރުވާ ވިހަ ގޭސް ސާފުކުރުމަށް އެންމެބޮޑަށް އެހީވާ ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ގަހެކެވެ. އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން އަންނަނީ ވައިކަރަދޫގައި އޮނު އާލާކުރުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގައި ވަނީ ހަފްތާއަކަށް ބަހާލައިގެން އެކިއެކި ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ، އެޓްމޯސްފިއަރ ފައުންޑޭޝަނާ ގުޅިގެން އެރަށުގައި ވަނީ، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ވައިކަރަދޫގައި އެ ފައުންޑޭޝަންގެ ފަރާތުން ހައްދަމުންދާ އޮނު ޕާކާއި އޮނު އާލާކުރުމުގެ ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ތިމާވެއްޓާ ގުޅޭ މަޢުލޫމާތު ކުޑަކުދިންނަށް ދިނުމަށް، އެރަށުގައިވަނީ ޚާއްސަ ހަވީރެއްވެސް ބާއްވާފައެވެ. މި ހަވީރުގައިވެސް އޮނާގުޅޭ މުހިންމު މަޢުލޫމާތުތައް ދެއްވިއެވެ. އަސި ޚާއްސަ ސުވާލު މުބާރާތެއް ބޭއްވިއެވެ. ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މަޒުމޫނު ލިޔުމާއި ޕޯސްޓަރު ކުރެހުމާ އަދި އޮނުން ތަކެތި ހެދުމުގެ މުބާރާތުން ވަނަވަނައަށް އައި ކުދިން ހޮވާފައިވެއެވެ.

މި ޕްރޮގްރާމްތަކުގެ ބޭނުމަކަށްވަނީ އަންނަންއޮތް ޖީލަށް ތިމާވެށީގެ މުހިންމުކަން ބުނެދީ، ވެށި ޙިމާޔަތްކުރުމުގައި ކުޑަކުދިންގެ ޙިއްސާ އިތުރުކުރުންކަމަށް އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނާއިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ޙަކީމް ވިދާޅުވިއެވެ.

އަޒީޒް ވިދާޅުވީ ޕްރޮގްރާމްތަކުގައި ރަށުގެ ވަރަށްގިނަ ކުޑަކުދިންނާއި ބޮޑެތިމީހުންވެސް ބައިވެރިވެފައިވުމަކީ މިފަދަ ޕްރޮގްރާމަކުން ޙާސިލްކުރަން ބޭނުންވި ނަތީޖާކަމަށަށެވެ.

"ތިމާވެށީގެ ދުވަހާ ގުޅިގެން މި ހިންގި ޕްރޮގްރާމްތަކުގެ ސަބަބުން މީހުންގެ ޝައުގުވެރިކަން ވަރަށްބޮޑަށް އިތުރުރުވެއްޖެ ތިމާވެށީގެ ކަންކަމަށް. އަޅުގަނޑުމެން ވާނެ އޮނު އާލާކުރުމާއި، އޭގެ ބޭނުމާ އަދި ފައިދާތައް ކިޔައިދީފައި." އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނާއިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ޙަކީމް ވިދާޅުވިއެވެ.

ވައިކަރަދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެތެރެއިންވަނީ އޮނުޕާކުގައި ޕާކުގައި އޮނު ގަސް އިންދާފައެވެ. ވައިކަރަދޫ އޮނު ޕާކުގައި 13 ބާވަތެއްގެ އޮނު އާލާކުރަމުން އާދެއެވެ.

އެޓްމޯސްފިއަރ ފައުންޑޭޝަނުން މިހާތަނަށް ރާއްޖޭގެ 10 ރަށެއްގައި އޮނު އިންދައި، އާލާކުރުމުގެ މަސައްކަތް ފަަށާފައިވެއެވެ.