ޚަބަރު

އެންޑޮމެޓްރިއޯސިސްއަކީ ފަރުވާ ހޯދޭނެ ބައްޔެއް: ޑރ.ރާނީ


  • ރޮބޮޓިކްސް މެދުވެރިކޮށް ފަސޭކަމާއިއެކު މިފަދަ ސާޖަރީތައް ހެދޭނެ

  • ވީހާވެސް އަަވަހަށް ފަރުވާ ހޯދުމަށް އިލްތިމާސްކުރެއްވި

އަންހެނުންގެ މެދުގައި އާއްމު ބައްޔެއްކަމަށްވާ އެންޑޮމެޓްރިއޯސިސްއަކީ ފަރުވާހޯދޭނެ ބައްޔެއް ކަމަށް އެޕޯލޯ ހޮސްޕިޓަލްގެ އަންހެނުންގެ ޙާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ ރާނީ ބަޓް ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އެ ހޮސްޕިޓަލުގެ އަންހެނުންގެ ޙާއްސަ ޑޮކްޓަރ، ޑރ ރާނީ ބަޓް ވަނީ އެންޑޮމެޓްރިއޯސިސްއަށް ދެވޭ ފަރުވާތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެޕޯލޯ ހޮސްޕިޓަލްގެ އަންހެނުންގެ ޙާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ.ރާނީ ވަނީ އެންޑޯމެޓްރިއޯސިސްއަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެއްކަން ފާހަގަކުރައްވައި، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެެ. ނަމަވެސް އެންޑޯމެޓްރިއޯސިސްއަކީ ފަރުވާ ކުރެވޭނެ ބައްޔެއްކަމަށާއި، ބަލި މީހުންނަށް ފަރުވާދެވެނީ އެމީހެއްގެ ކިބައިން ފެންނަ އަލާމާތްތަކުގެ މައްޗަށް ރިއާޔަތްކޮށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިބަލިި ތަޙައްމަލު ކުރާތާ ގިނަ ދުވަސް ނުވަނީސް ބަލި ދެނެގަނެވިއްޖެނަމަ ބޭސް ބޭނުންކޮށްގެން ފަރުވާހޯދޭނެ، ނަމަވެސް ގިނަދުވަސް ވެއްޖެނަމަ ރަހިމުން ބޭރުގައި އުފެދިފައިވާ އެންޑޯމެޓްރިއަލް ޓިޝޫ ނަގަން ސާޖަރީ ކުރުމަކީވެސް ދެވިދާނެ ފަރުވާއެއް" ޑރ.ރާނީ ވިދާޅުވިއެވެ.

ޑރ.ރާނީ ވިދާޅުވީ ރޮބޮޓިކްސް މެދުވެރިކޮށް ފަސޭކަމާއިއެކު މިފަދަ ސާޖަރީތައް ހެދޭނެކަމަށެވެ. މީގެއިތުރުން ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި ބެހޭގޮތުންވެސް އޭނާ ވާހަކަދެއްކެވިއެވެ. މިގޮތުން ދިވެހިންގެ ތެރޭގައި މިކަމާބެހޭ ގޮތުން ވާހަކަ ދައްކާ ހޭލުންތެރިކަން އިތުރުކުރުން މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކަސްރަތުކޮށް ސިއްޙަތަށް ފައިދާހުރި ކެއުން ބުއިމުގެ އާދަތައް ހިފެހެއްޓުން މުޙިއްމުކަމަށްވެސް ޑރ.ރާނީ ވިދާޅުވިއެވެ.

ޑރ.ރާނީ ވަނީ އެންޑޯމެޓްރިއޯސިސްގެ އަލާމާތެއް އެއްވެސް މީހެއްގެ ކިބައިން ފެނިއްޖެނަމަ ވީހާވެސް އަވަހަށް ފަރުވާ ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.

އެންޑޯމެޓްރިއޯސިސްއަކީ ރާއްޖޭގައި އާއްމު ބައްޔަކަށްވާއިރު އާސަންދައިން މި ބައްޔަށް ފަރުވާ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ދިވެހި ރާއްޖޭގައި އެންޑޯމެޓްރިއޯސިސްއަށް ޙާއްސަ ޖަމިއްޔާއެއް އެންޑޯ މޯލްޑިވްސްގެ ނަމުގައި 2019 އިން ފެށިގެން އަންނަނީ ހިންގަމުންނެވެ.