ދިވެހިންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ހަމަޖައްސައި ދީފައިވާ އިންތިޒާމްތަކުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްސް އިން ތައުރީފުކޮށްފިއެވެ.
އެޕޯލޯ ހޮސްޕިޓަލްސްއިން މިކަން ފާހަގަކޮށްފައިވަނީ ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާގެ ސިޓީތަކުގައި ހުންނަ އެގްރޫޕްގެ ހޮސްޕިޓަލްތަކުން ދޭ ފަރުވާގެ ޚިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިންޑިއާގެ ބެންގަލޫރުގެ އެޕޯލޯ ހޮސްޕިޓަލަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ރާއްޖޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕޯލޯ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓު އިންޓަރވެންޝަނަލް ކާޑިއޮލޮޖިސްޓު ޑރ. ގިރިޝް ބީ ނަވަސުންދީ ވިދާޅުވީ ރާއްޖޭގެ ސަރުކަރުން ދަނީ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.
އެގޮތުން ރާއްޖެއިން މި ދާއިރާއިން އިންވެސްޓުކުރަމުންދާއިރު، ރާއްޖެެއިން ލިބެން ނެތް ސިއްޙީ ޚިދުމަތްތައް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދީފައިވާކަން ޑރ. ގިރިޝް ފާހަގަކުރެއްވިއެވެ.
"ވަރަށް ބަލައިގަންނަކަމެއް، ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުން، ދިވެހިންގެ ސިއްހީ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިވެދޭ، އެގޮތުން ސަރުކާރުގެ އެހީގައި ދުނިޔޭގެ އެކި ހިސާބުތަކުން ފަރުވާ ހޯދޭނެ މަގުފަހިކޮށްދީފައިވޭ،" ޑރ. ގިރިޝް ވިދާޅުވިއެވެ.
ހިތުގެ ބަލިތަކަށް ހާއްސަ ޑރ. ގިރިޝް ވިދާޅުވީ ރާއްޖޭގައި ހިތުގެ ބަލިތައް އިތުރުވަމުންދާއިރު، މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއިވެސް ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން ސްޓްރެސް އާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ކާބޯތަކެތީގައި ތެޔޮ ގިނައިން ބޭނުންކުރުމަކީ ހިތުގެ ބަލި ތަކަށް މަގުފަހިވާ ކަމެއްކަމަށް ޑރ. ގިރިޝް ވިދާޅުވިއެވެ.
އެޕޯލޯ ހޮސްޕިޓަލުގައި ދޭ ހިދުމަތްތަކުގެ ތަފްޞީލްތައް ހިއްސާކުރަމުން ޑރ.ގިރިޝް ވިދާޅުވީ ބައި ޕާސް ހެދުމުގައި އެ ހޮސްޕިޓަލަކީ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށެވެ.
"ދުނިޔޭގައިވެސް އެންމެ ކުޑަކޮށް ފަޅައިގެން ބައި ޕާސް ހަދާ ހޮސްޕިޓަލް އަކީ އެޕޯލޯ ހޮސްޕިޓަލް، އަދި މީގެ އިތުރުން ހިތުގެ އެހެން ބައެއް އޮޕަރޭޝަންތައްވެސް ކުރުމުގައި މުޅި ދުނިޔޭގައިވެސް އެެޕޯލޯ ހޮސްޕިޓަލީ ފާހަގަކޮށްލެވޭ ހޮސްޕިޓަލެއް،" ޑރ.ގިރިޝް ވިދާޅުވިއެވެ.
ޑރ. ގިރިޝް ވިދާޅުވީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރަނީ ބަލިތަކަށް އަވަސް ފަރުވާތައް އެންމެ ފުރިހަމައަށް ދިނުމަށް ހަމަކަމަށެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތައް އަނބުރާ ރާއްޖެއަށް އައުމަށްފަހުގައިވެސް ހާލު ބަލާ މޮނިޓަރކުރަމުންދާކަންވެސް ޑރ. ގިރިޝް ފާހަގަކުރިއެވެ.