ޚަބަރު

ކަނޑުގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: ވަޒީރު ޝިޔާމް


  • ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކަނޑުރޯދި ފެސްޓިވަލް ވަނީ ބާއްވާފައި

  • ތިމާވެއްޓާބެހޭ ވަޒީރު އަދި މަސްވެރިކަމާބެހޭ ވަޒީރު މި ހަަރަކާތުގައި ބައިވެރިވެވަޑައިގެންނެވި

ރާއްޖެއަކީ ކަނޑުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމަކަށްވާތީ ކަނޑުގެ ވަސީލަތްތަކުން އާމްދަނީ އިތުރަށް ހޯދުމަށް ތަފާތު އެކި ސިނާއަތް ޤާއިމް ކުރެއްވުމުގެ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ކަނޑުރޯދި އުފާ' ފެސްޓިވަލުގައި ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކަނޑުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް ހިމާޔަތްކުރުމަކީ ސަރުކާރުގެ ވިސްނުންފުޅެއްކަމަށެވެ. އެގޮތުން، ދެމެހެއްޓެނިވިގޮތުގައި ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރުމާއި، މެރިކަލްޗަރ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓުގެ ނަންތައްދެއްވި އިރުގައި ފީޝަރީޒް މިނިސްޓްރީ މިވަނީ ވަރަށް ބޮޑަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށް މެންޑޭޓްކުރައްވާފަ،
ކަނޑުރޯދިން މިހޯދާ ނަފާ އިތުރުކުރުމާއި އޭގެ އިތުރުން ކަނޑުގެ ވަސީލަތްތަކުން މިހިންގާ ހަރަކާތްތަކަކީ. އާމްދަނީ ހޯދަން ކަމުގައި ވިޔަސް، ދެމެހެއްޓެނިވި ގޮތަކަށް ހިންގޭ ހަރަކާތްތަކަކަށް ހެދުން ވަރަށް ބޮޑަށް އަމާޒުކުރައްވާ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ހުޅުމާލެ ބީޗު ސަަހައްދުގައި ތިމާވެއްޓާއި ގުޅުންހުރި ސްޓޯލްތަކާއިއެކު ޚާއްސަ ފެސްޓިވަލެއް ބާއްވާފައެވެ.

މި ފެސްޓިވަލު ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، ވިދާޅުވީ، ރާއްޖޭ އަކީ 99 ޕަސެންޓް ކަނޑުގެ ސަރަހައްދުގެ މައްޗަށް ބިނާވެފައި އޮންނަ ގައުމަކަށް ވާތީ، ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓާ، ކަނޑުގެ ވަސީލަތްތައް ބަލަހައްޓަންޖެހޭކަން ގިނަބަޔަކަށް އެނގެންޖެހޭނެމަށެވެ.

" މި ރިސޯސަސްތަކަކީ ކޮބައިތޯ ކިޔައިދިނުމަކީ މުހިންމުކަމެއް ، އެހެނަވީމަ މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އިން މި ކުރާކަމަކީ މެރިން ރިސޯސަސްއަކީ ކޮބައިތޯ އަދި އެ ބަހަލަހައްޓާނެ ގޮތްތަކަކީ ކޮބައިތޯ އެޅުންފޮލުވައިދިނުން، ތިމާވެއްޓައި ގުޅިފައި އޮންނަކަމެއް މިއީ، އެހެންވީމަ މިއަދުގެ މުހިންމުކަން ތިމާވެއްޓަށްވެސް ވަރަށް ބޮޑު" ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ފެސްޓިވަލުގައި ތިމާވެއްޓާއި ގުޅުންހުރި ތަފާތު ސްޓޯލްތައް ހުރިއިރު، އޭގެތެރޭގައި ތަހުލީލުތައް ދައްކާލުމާއި، ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މައުލޫމާތު ދިނުމާއި މޫދު ކުޅިވަރިތަކާއި ޑައިވިންގެ އިތުރުން ކަނޑުތަކުގެ ވަސީލަތްތަކާއި ގުޅުން ހުރި ގިނަ ސްޓޯލްތަކެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނާއިގުޅޭ ތަފާތު ކުޅިވަރުތައް ވެސް ފެސްޓިވަލުގައި ކުރިއަށްދިޔައެވެ.