ދިވެހި ކަނޑުތަކަކީ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ކަނޑުތަކުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމުގައިވާއިރު އަދުގެ ސަރުކާރުގެ އަމާޒަކީ ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކޮށް އިންވެސްޓްމެންޓް ހޯދުމެވެ.
ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމުގެ ފުރުޞަތު ފަހިވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެއާއެކު ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރު ކުރުމަށް މިހާރު މިވަނީ ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ.
ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އިޤްތިޞާދު ފުޅާކުރުމަށް ކުރެވިދާނެ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި ދިވެހިން އަމިއްލައަށް ކަނޑުގެ ސަރަޙައްދު ބަލަހައްޓަން ފެށުމާއެކު ކަނޑުގެ ބިޔަ ސަރަޙައްދުގެ ބޭނުން އިޤްތިޞާދީގޮތުން ހިފުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން މަސްވެރިކަން ފުޅާ ކުރުމާއި ކަނޑުގެ ބިޔަ ސަރަޙައްދަކީ ވަސީލަތްތައް ގިނަ، ކަނޑުގެ އަޑި ބޭނުންކުރުން ޤާނޫނީގޮތުން ހިފުމުގެ ޙައްޤު އޮތް ތަނެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކަނޑުން ލިބޭ އެންމެ އަގުހުރި މަންފާ ކަމުގައިވާ ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއްކަމަށާއި ބޭރުގެ ގައުމުތަކަށް ވިއްކާ ދިވެހި ކަޅު ބިލަމަހުގެ އަގު އުފުލޭނެ ގޮތެއްކަމުން އެމަގުން ސަރުކާރުން ކުރިއަށްދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އެ މަސައްކަތުގައި ސަރުކާރަށް ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އެކަމަށް ޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް އެ ދާއިރާއިން އިންވެސްޓްކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކޮށް، އެ ކޮލެޖުގައި ހިމެނޭ ކޯސްތައް އޮގަސްޓު މަހު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ކުރިއަށްއެބަދެއެވެ.
އަދި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރާއްޖޭގައި މީގެކުރިން ފާހަގަނުކުރާހާ ކުލަގަދަކޮށް މިއަހަރު ސަރުކާރުން ދަނީ ފާހަގަކުރަމުންނެވެ. މި ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ.