ކުޅިވަރު

އައިސްލަންޑް އަތުން އިންގްލަންޑް ބަލިވެއްޖެ


ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑުން ރޭ ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި އައިސްލަންޑް އަތުން ބަލިވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އިންގްލަންޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެމްބްލީ ސްޓޭޑިއަމަށް ކުޅިބަލަން ވަދެ ތިބި ގިނަބައެއްގެ ފަރާތުން އިނގިރޭސި ޓީމަށް ނުރުހުން އަމާޒުކުރިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އައިސްލަންޑުން ކާމިޔާބުކުރީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. އިނގިރޭސި ޓީމަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް މި ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯސްޓެއިންސަންއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިންގްލަންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ނަތީޖާ ހަމަހަމަކުރަން އިންގްލަންޑަށް މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ހުރިހާ ފުރުސަތެއްވެސް ވަނީ ބޭކާރުވެފައެވެ. ޚާއްސަކޮށް އައިސްލަންޑުގެ ލަނޑަށްފަހު ކެޕްޓަން ހެރީ ކޭންއަށް ލިބުނު ދެ ފުރުސަތާއި، ދެވަނަ ހާފުގައި ފިލް ފޯޑެންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑުން މިދިޔަ ހަފްުތާގައިވެސް މެޗެއް ކުޅުނެވެ. ބޮސްނިއާއާ ދެކޮޅަށް ކުޅުނު އެ މެޗު އިންގްލަންޑުން ވަނީ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މި މަހުގެ 14 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލަންޑް ލައްވާލާފައިވަނީ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްލޮވީނިއާ އާއި، ޑެންމާކުގެ އިތުރުން ސާބިއާއެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އިންގްލަންޑް ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ.