ޚަބަރު

ކާދު ހެދުމާއި އޮނުން ތަކެތި ހަދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ވައިކަރަދޫގައި ކުރިއަށްގެންގޮސްފި


  • އޮނު އާލާކުރުމުގެ ބޮޑު ޕްރޮގްރާމެއް ވައިކަރަދޫގައި ވަނީ ފަށާފައި

  • ރަށުގައި އޮނު އާލާކުރަނީ އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން

  • ކާދު ހަދަން ދަސްކޮށްދީފައިވަނީ އުކާލާ ކުނި މަދުކުރުމަށް

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވައިކަރަދޫގައި އޮނުން ތަކެތި ހަދަން ދަސްކޮށްދިނުމާއި ކާދު ހަދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިޕްރޮގްރާމަކީ އެޓްމޮސްފިއަރ ފައުންޑޭޝަނުން އެރަށުގައި، ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީގައި ވައިކަރަދޫގައި އަންނަނީ، އޮނު އާލާކުރުމުގެ ބޮޑު ޕްރޮގްރާމެއް ހިންގަމުންނެވެ. އޮނުން ތަކެތި ހަދަން ދަސްކޮށްދިނުމުގެ ހަރަކާތް އޮތީ ވައިކަރަދޫގައި އެފައުންޑޭޝަނުން އާލާކުރަމުންދާ އޮނު ޕާކުގައެވެ.

އޮނުން ތަކެތި ހަދަން ދަސްކޮށްދީފައިވަނީ އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން، އަބްދުﷲ ޝަކީބެވެ. އަބްދުﷲ ޝަކީބަކީ އުކާލެވޭ ލަކުޑި ބޭނުންކޮށްގެން އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ.

އާއްމުންނާއި ސްކޫލް ކުދިން ބައިވެރިވި މި ހަރަކާތުގައި ވަނީ، އޮނު ދަނޑި ބޭނުންކޮށްގެން ހިފާގެންގުޅޭ ތަކެތި ހެދުމާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރެވޭނެ އެކި ތަކެތި ހަދާނެ ގޮތް ކިޔައިދީފައެވެ. އަދި އެކަން ތަޖުރިބާ ކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ވަނީ ދީފައެވެ.

"އޮނު ދަނޑިން ޖޯޑު، ފޯނު ބަހައްޓާ އެއްޗެހި ހަދަން ކިޔައިދީފައިވާނެ. މިކަމަށް ކުދިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފެނުނު." ޢަބްދުﷲ ޝަކީބު ވިދާޅުވިއެވެ.

އެޓްމޮސްފިއަރ ފައުންޑޭޝަންގެ އަމާޒަކީ ރަށުގައި ގިނަ އަދަދަކަށް އޮނު އާލާކޮށް، އޮނަކީ ރަށުގެ ރައްޔިތުންނަށް މަންފާ ލިބޭނެ ކަމަކަށް ހެދުމެވެ. އެއެންޖީއޯގެ ފަރާތުން އެރަށުގައި މިހާތަނަށް 300އަށްވުރެ ގިނަ އޮނު ގަސް ދަނީ އާލާކުރަމުންނެވެ.

މިހަރަކާތުގެ ތެރޭގައި ވަނީ އުކާލާ ކާބޯތަކެތީގެ ބާވަތްތަކާ ފަތު ކުނި ބޭނުންކޮށްގެން ކާދު ހަދަންވެސް ދަސްކޮށްދީފައެވެ.

މިއީ ރަށުން އުކާލާ ކުނި މަދުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް އެތަކެތި އަލުން ބޭނުންކުރެވޭނެ ގޮތް ހޯދާދިނުމުގެ ގޮތުން ކުރިއަށްދިޔަ ހަރަކާތެއް ކަމަށް އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނާއިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ޙަކީމް ވިދާޅުވިއެވެ. މިހަރަކާތުގައި ވަނީ ކާދު ހަދާނެ ގޮތް ދައްކާލާފައެވެ.

އަދި ކާދުގެ މުހިންމުކަމާއި އޭގެ ބޭނުންތަކާ އޭގެ ފައިދާތަކާ ގުޅޭގޮތުން މަޢުލޫމާތުވެސްވަނީ ދީފައެވެ.