ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތީ ދިވެހި ރައްޔިތުންނަށް އެެކި ގޮތްގޮތުން ކުރިމަތިވެފައި ހުރި ތަކުލީފްތަކާއި އުނދަގޫތަކަށް ހައްލުތައް ގެނެސްދެއްވުމުގެ އަޒުމްފުޅުގައެވެ. އެގޮތުން ހައްޖާއި ގުޅުންހުރި ކަންކަމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ވައުދެކެވެ.
ހައްޖާއި ގުޅުންހުރި ކަންކަން ހަރުދަނާ ކުރެއްވުމުގެ އިތުރުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި އަމިއްލައަށް އެފޯޑް ނުކުރެވޭވަރުގެ ފަގީރުން، ހައްޖަށް ނުދެވޭވަރުގެ ފަގީރުން އެބަތިބި، އެހެންވީމަ ބަހާލައިގެން މުޅި 5 އަހަރު ތެރޭގައި 1000 މީހުން ހިލޭ ހައްޖު ކޯޕަރޭޝަން ވަރުގަދަކޮށްގެން ހިލޭ ހައްޖަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފޮނުވައިދޭނަން" ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭގައި ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން ވަނީ އިޢުލާނުކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުން ޙައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި އިންޓަރވިއުކޮށްފައިވާކަމަށާއި އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން ތިބިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި މިއަހަރު ފޮނުވާ 50 މީހުން ހޮވާފައިވަނީ ގުރުއަތުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ 50 މީހުންގެ ތެރެއިން 2 މީހަކު މައްކާއަށް މިހާރު މައްކާއަށް ގޮސްފައިވާއިރު، ބާކީ ތިބި 48 މީހުން މިއަދު ފުރީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ 3 ވަނަ ފްލައިޓުގައެވެ. ހައްޖަށް ފުރުމުގެ ކުރިން އެ މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ލިބުނު ފުރުސަތާއި ގުޅޭގޮތުން ހުރި ޝުޢޫރުތައް ހިއްސާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދު ފުއްދަވައި، ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ މީހުން ފުރާފައިވާއިރު ހައްޖާއި ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެކި ޖަމާއަތްތައް މެދުވެރިކޮށް ހައްޖަށްދާ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާކޮށް، ހެޔޮ އަގެއްގައި ހައްޖަށް ދެވޭނެ މަގުފަހިކޮށްދެއްވުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ހައްޖަށްދާން ލައްކައެއްހާ ރުފިޔާ ބައެއް ފަރާތްތަކުން ހަރަދުކުރާއިރު، 50 ހާސް ރުފިޔާއަށް ހައްޖު ދަތުރުގެ އަގު ތިރިކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒެކެވެ.
ހައްޖާއި ގުޅޭ ކަންކަމުގެ އިތުރުންވެސް، ރާއްޖޭގައި އިސްލާމީ ނޫރާއި ދީނީ އަޤީދާ ވަރުގަދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަކުރެއްވެއެވެ. އެގޮތުން މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާއި ސުލޫކު މުޖުތަމަޢުގައި އަށަގެންނެވުމަށް ކުރައްވާ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. ދިވެހީންގެ އިޖުތިމާއީ ދިރިއުޅުމުގައި، މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި، މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް ވާނީ އަލުން އުފައްދަވާފައެވެ.
މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނައަށް ވާނީ އިތުރުކޮށްދީ، ޕީ.އެޗް.ޑީ. ފެންވަރަށް އިމާމުން ތަމްރީނުކުރުމުގެ ޕުރޮގުރާމެއްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ވާނީ ގާއިމުކޮށްފައެވެ. ބަރަކާތްތެރި ރަމަޟާން މަހު ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭން ފެއްޓެވެވީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.