ޚަބަރު

ލަމީން ޔަމާލް އަށް ސްޕެއިންގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ


ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ޒުވާން ފޯވަޑް ލަމީން ޔަމާލް އަށް ނުކުޅެވޭނެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާއަށް ކުޅެނިކޮށް ދާދި ފަހުން އޭނާގެ ހެމްސްޓްރިންގަށް ލިބުނު އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި ލަމީން ޔަމާލްގެ މެޑިކަލް ކަންތައް ބާސެލޯނާގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމުގެ މެޑިކަލް ޓީމުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ލަމީން ޔަމާލް އަށް އަނިޔާ ވުމާއިއެކު ބާސެލޯނާގެ މެޑިކަލް ޓީމުން ފުރަތަމަވެސް ބުނެފައިވަނީ އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ހައެއް ނުވަތަ އަށް ހަފްތާގެ ފަހުން ކަމަށެވެ. އެހެންކަމުން އޭނާއަށް ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުޅެވޭނެކަން ޔަގީން ވެފައިވާއިރު ދެވަނަ މެޗުގައިވެސް ކުޅެވޭނެކަމުގެ އުންމީދު ކުޑައެވެ.

އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އަކީ މިވަގުތު ބާސެލޯނާގެ އިތުރުން ސްޕެއިންގެ ޓީމުގައި ހިމެނޭ އެންމެ އިތުބާރު އެއް އެޓޭކިން ކުޅުންތެރިޔާ އެވެ.

ސލުއިޒް ޑެލަ ފުއެންޓޭގެ ޓީމުން ވޯލްޑްކަޕަށް ދިއުމުގެ ކުރިން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައިވެސް ލަމީން ޔަމާލް ބައިވެރިއެއް ނުވާނެ އެވެ. ވޯލްޑްކަޕްގެ ކުރިން ސްޕެއިން އިން އިރާގާއި ޕެރޫ އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެ އެވެ.

ފީފާ ވޯލްޑްކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ކޭޕް ވާޑް އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ސައުދި އަރަބިއްޔާ އާއި ދެކޮޅަށް ކުޅޭއިރު ގްރޫޕްގެ ފަހު މެޗުގައި ނިކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ.