މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށެހެޅުމުގެ ފުރުޞަތު ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މިއިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު، ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމަށް ބާރުއަޅައި، ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މި އަހަރު 17 ދާއިރާއަކުން އެވޯޑް ދޭން ނިންމައިފައެވެ. އޭގެތެރޭގައި ވިޔަފާއިއާއި އިޤްތިޞާދު، ފަންނުވެރިކަމާއި ސަގާފަތްދިރުވުން، ދަރުމަވެރިން، ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުން، ތިމާވެށި، ބަސް ދިރުވާ އާލާކުރުން، ކުޅިވަރު އަދި މަސްވެރިކަމާއިދަނޑުވެރިކަން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިން ދިނުން ފަދަ ދާއިރާތައް ހިމެނެއެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް ދޭ އެވޯޑާއި، "ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ" ދޭނެއެވެ.
މި އިނާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާއިރު، ގޫގުލް ލިންކް ބޭނުން ކޮށްގެން އޮންލައިންކޮށް އަދި ސޯޝަލް ސެންޓަރުގައި ހުންނަ އެވުޒާރާގެ ކައުންޓަރަށް ވެސް ފޯމް ހުށަހެޅޭނެއެވެ. އިނާމަށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށް ފޯމް ބަލައިގަތުމަށް ވަނީ ނިންމަވައިފައިވާއިރު، ރަށްރަށުން ފޯމު ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ، 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެއެވެ. އިނާމަށް ހުށައެޅޭ ކެޓަގަރީތަކާއި، އަދި ޝަރުތުތަކާއި ގުޅޭ މަޢުލޫމާތުތައް މިނިސްޓްރީން ވަނީ ގެޒެޓްކުރައްވާފައެވެ. ރާއްޖޭގައި 2016 ވަނަ އަހަރުންފެށިގެން ދަނީ ޒުވާނުންގެ އެވޯޑުދެމުންނެވެ.