ކުޅިވަރު

ޔޫރޯ 2024: އިނގިރޭސި ސްކޮޑުން މެގުއާ އާއި ގްރީލިޝް ބާކީކޮށްފި


ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއް ޓީމު ކަމަށްވާ އިންގްލަންޑުގެ ފައިނަލް ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާ އާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ބާކީކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 31 އަހަރުގެ މެގުއާ ބާކީކޮށްފައިވަނީ އަނިޔާގެ ސަބަބުން އަދިވެސް ރަނގަޅު ފޯމަކަށް ނޭޅޭތީއެވެ. ޔޫރޯއަށް އެކުލަވާލި ޕްރޮވިޝަނަލް ސްކޮޑުގައި މެގުއާ ހިމެނުނު ނަމަވެސް، އޭނާ އެއްވެސް ޕްރެކްޓިހެއްގައި ބައިވެރިއެއް ނުވެއެވެ. ކޯޗު ގަރެތު ސައުތުގޭޓުގެ ނިންމުމާއެކު މެގުއާ ބާކީކުރިއިރު، އަނިޔާއާ ހެދި އެފްއޭ ކަޕް ފައިނަލުގައިވެސް މެގުއާ ނުކުޅެއެވެ.

އިންގްލަންޑް ސްކޮޑުން ދެން ބާކީކުރި ގްރީލިޝް ވަނީ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފައެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގްރީލިޝްއަށް މާ އެދެވޭ ކުޅުމެއް އެ މެޗުގައި ނުދެއްކުނުއިރު، އޭނާގެ ފިޓްނަސް ލެވެލްއާ މެދު ކޯޗިން ޓީމުން ހިތްހަމައެއް ނުޖެހެއެވެ.

ސްކޮޑުން ބާކީކުރި ކުޅުންތެރިންގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ޖޭމްސް މެޑިސަންއެވެ. ޓޮޓްނަމް ހޮޓްސްޕާގެ މެދުތެރޭގައި މިދިޔަ ސީޒަން ފަށައިގެން މޮޅު ކުޅުމެއް ދެއްކި މެޑިސަން ސްކޮޑުން ބާކީކުރީ އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް ޓީމުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުމުގެ ސަބަބުންނެވެ. ބޮސްނިއާއާ ދެކޮޅަށް އިންގްލަންޑުން ކުޅުނު މެޗުގައި މެޑިސަން ބޭނުންކުރިއެވެ. ފައިނަލް ސްކޮޑު އެކުލަވާލުމުގައި އެ މެޗުގައި މެޑިސަން ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ކޯޗިން ޓީމުން ބެލިއެވެ.

އިންގްލަންޑް ޓީމުން ދެން ބާކީވި ކުޅުންތެރިންނަކީ ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރަފޯޑާއި، ލިވަޕޫލްގެ ދެ ކުޅުންތެރިން ކަމަށްވާ ކާޓިސް ޖޯންސް އާއި، ޖަރެލް ކުއަންސާ އަދި އެވަޓަންގެ ބްރަންތުވެއިޓެވެ.