ކުޅިވަރު

ޔޫރޯ 2024: ވިދާލާނެ ޒުވާން ކުޅުންތެރިން


ނިމިދިޔަ ސީޒަނުގައި ޔޫރަޕްގައި އެންމެ ވިދުންގަދަވި ޒުވާން ކުޅުންތެރިއަކީ ބާސެލޯނާއަށް ކުޅޭ ލަމީން ޔަމާލެވެ. އުމުރުން އެންމެ 16 އަހަރުގެ މި ކުޅުންތެރިޔާ އަކީ މިހާރު ބާސެލޯނާގެ އިތުރުން ސްޕެއިނުގެ ސީނިއާ ޓީމުން ގަވާއިދުން ޖާގަ ހޯދާ ކުޅުންތެރިއެކެވެ. މި އަހަރުގެ ޔޫރޯގައި ސްޕެއިނުގެ އެޓޭކުތަކުގައި މުހިއްމު ދައުރެއް އަދާކުރާނެ މި ކުޅުންތެރިޔާ ވަނީ ކުލަބު ލެވެލްގައި ބާސެލޯނާއަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

އުމުރުން އެންމެ 19 އަހަރުގެ އާރްދާ ގުލާ އަކީ ޔޫރޯގައި ތުރުކީގެ ހުރިހާ އުއްމީދެއް ގުޅިފައިވާ ކުޅުންތެރިޔާއެވެ. ނިމިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު 10 މެޗުގައި ރެއާލް މެޑްރިޑަށް އޭނާ ހަ ލަނޑު ޖަހައިދިނެވެ. މި ފަހަރުގެ މުބާރާތުގައި ގްރޫޕް އެފްގައި ވާދަކުރާ ތުރުކީން ރަނގަޅު ނަތީޖާތަކެއް ހޯދުމަށްޓަކައި ގުލާގެ ދައުރު ބޮޑުވާނެއެވެ.

ޕޯޗުގަލްގެ ޑިފެންސްގެ މުސްތަގުބަލުގެ ގޮތުގައި ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ސިފަކުރާ އެންޓޯނިއޯ ސިލްވާ އަކީ ބެންފީކާގެވެސް މުހިއްމު ކުޅުންތެރިއެކެވެ. އުމުރުން 20 އަހަރުގެ ސިލްވާ އަކީ ފިޒިކަލީ ވަރުގަދަ، ވަރަށް ރަނގަޅަށް ގޭމް ރީޑްކުރާ އަރަމުންއަންނަ ޑިފެންޑަރެކެވެ. ބެންފީކާގެ އެކަޑެމީން "ޖެނެރަލް" ގެ ނަމުން މަޝްހޫރުވެފައިވާ މި ކުޅުންތެރިޔާ އަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން މިހާރު ޝައުގުވެރިވާ އެއް ކުޅުންތެރިޔާއެވެ.

އުމުރުން ކިތަންމެ ހަގުކަމަށްވިޔަސް ޒަވީ ސިމޮންސް އަކީ މިހާރުގެ ނެދަލަންޑްސް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ޕީއެސްވީ އެއިންދޯވަންއިން އާރްބީ ލައިޕްޒީގަށް ބަދަލުވެ މިހާތަނަށް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ވަރުބަލިކަމެއް ނެތި، މިޑްފީލްޑްގައި ޕްލޭމޭކިން ރޯލް ފުރިހަމައަށް އަދާކުރާ ސިމޮންސް އަކީ މިދިޔަ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. މި އަހަރުގެ ޔޫރޯގައި ނެދަލަންޑްސްއިން ނޮކްއައުޓް ބުރަށް ގެންދިއުމުގައި ސިމޮންސްގެ ހިއްސާ ބޮޑުވާނެއެވެ.

ނިމިދިޔަ ސީޒަނުގައި ތާރީޚީ ކާމިޔާބީއެއް ހޯދި ބަޔާ ލެވަކޫސަންގައި ހިއްސާ ބޮޑު ފްލޮރިއަން ވާޓްޒްއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. ލެވަކޫސަނުން ލީގު ހިމެނޭގޮތަށް ޑޮމެސްޓިކް ދެ މުބާރާތް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދައްކާފައިވެއެވެ. މި ފަހަރުގެ މުބާރާތް އަމިއްލަ ގައުމުގައި ކުޅެ، ކާމިޔާބީއެއް ހާސިލުކުރުމަށްޓަކައި ޖަރުމަނަށް ވާޓްޒްގެ މުހިއްމުކަން ބޮޑުވާނެއެވެ.

ބާސެލޯނާގެ ޑިފެންސްގެ އެއް ތަނބުގެ ގޮތުގައި މިހާރު ފެންނަ، އުމުރުން އެންމެ 17 އަހަރުގެ ޕައު ކުބާސީއަކީ ސްޕެއިނުގެ މުހިއްމު ކުޅުންތެރިއެކެވެ. ބާސެލޯނާގެ ޔޫތު ޓީމުތަކުން ވިދާލި މި ކުޅުންތެރިޔާ ވަނީ ލީގުގައި ސީނިއާ ޓީމަށް މިހާތަނަށް 24 މެޗު ކުޅެދީފައެވެ. މި ފަހަރުގެ ޔޫރޯގެ ތަށި ސްޕެއިނުގެ ޓްރޮފީ ހަރުގަނޑަށް ލުމަށްޓަކައި މި ކުޅުންތެރިޔާގެ ހިއްސާ ބޮޑުވާނެއެވެ.

ސްލޮވީނިއާގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކުން ވިދާލި، ބެންޖަމިން ސެސްކޯ އަކީ މި ފަހަރުގެ ޔޫރޯގައި އެ ޓީމުގެ ހުރިހާ އުއްމީދެއް ގުޅިފައިވާ ކުޅުންތެރިޔާއެވެ. ގޯލާއި ރައްޓެހި މި ކުޅުންތެރިޔާ ވަނީ އާރްބީ ލައިޕްޒީގާއި ރެޑްބުލް ސާލްޒްބާގަށް ކުޅެ ގިނަ ލަނޑުތަކެއް ޖަހައިދީފައެވެ. އޭނާ އަކީ ފަހުގެ ތާރީޚެއްގައި ސްލޮވީނިއާގައި އުފެދުނު އެންމެ މޮޅު ފޯވާޑުކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ސެސްކޯއަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ބޮޑެތި ކުލަބުތަކުންވެސް ކަޅިއަޅަމުންދާ ކުޅުންތެރިއެކެވެ.

ނިމިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގެ މެދުތެރެއިން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ކޮބީ މައިނޫއެވެ. މި ކުޅުންތެރިޔާ އަކީ ޔުނައިޓެޑްގެ އިތުރުން އިނގިރޭސި ޓީމުގެ މިޑްފީލްޑްގައި ކުރިއަށް އޮތް ތަނުގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އުމުރުން 19 އަހަރުގެ މައިނޫ ވަނީ ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުޞަތުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޕީއެސްޖީގެ އެކެޑެމީން ފާހަގަކޮށްލެވުނު ވަރެން ޒަޔަރް-އެމެރީ އަކީ މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ފްރާންސް ޓީމުން ވިދާލާނެ ކުޅުންތެރިއެކެވެ. ކުލަބު ފެންވަރުގައި ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މި ކުޅުންތެރިޔާ އަކީ ޕީއެސްޖީގެ މިޑްފީލްޑްގެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ޒަޔަރް-އެމެރީ އަކީ މިޑްފީލްޑްގެ އެކި މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ.