ޚަބަރު

ޣައްޒާއާއި މިޞްރާ ގުޅޭ ސަރަޙައްދީ ރޮނގު 2 ދުވަހަށް ހުޅުވާލަނީ


އިސްރާއީލުން ޙިސާރުކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާ އާއި މިޞްރާއި ގުޅޭ ސަރަޙައްދީ ރޮނގު އަންނަ ބުދަދުވަހާއި ބުރާސްފަތިދުވަހު ހުޅުވާލާނެކަން މިޞްރުން ހާމަކޮށްފިއެވެ. ޤާހިރާގައި ހުންނަ ފަލަސްޠީނުގެ އެމްބަސީން ބުނީ މިޞްރާއި ޣައްޒާގުޅޭ ސަރަޙައްދީ ރޮނގުގައިވާ ރަފާ ގޭޓް ހުޅުވާލުމަށް މިޞްރުން ނިންމީ އެކަމަށްއެދި ފަލަސްޠީނު ސަރުކާރުން ކުރި އިލްތިމާސް އަކާގުޅިގެންކަމަށެވެ. 

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މިހާރު އުޅުއްވަނީ މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީ މިއަދު ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ޤާހިރާގައި ބައްދަލުކުރައްވާފައެވެ. މިޞްރާއި ޣައްޒާގެ ސަރަޙައްދީ ރޮނގުގައިވާ ރަފާ ގޭޓް ހުޅުވާލުމުން އެ ގޭޓް ހުރަސްކުރެވޭނީ ޣައްޒާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބަލިމީހުންނަށާއި ބޭރު ޤައުމުތަކުގައި ތަޢުލީމު ޙާޞިލްކުރާ ފަލަސްޠީނުގެ ކިޔަވާކުދިންނަށާ ދަތުރުވެރިންނަށް ކަމަށްވެސް ޤާހިރާގައި ހުންނަ ފަލަސްޠީނުގެ އެމްބަސީން ބުނެއެވެ. 

ރަފާ ގޭޓް ހުރަސްކޮށް މިޞްރަށް ވަނުމުގެ ފުރުޞަތު މިޞްރުގެ ސަރުކާރުން ދެނީ ވަރަށް މަދުންނެވެ. މިޞްރުން ރަފާ ގޭޓް ބަންދުކޮށްފައިވުމުގެ ސަބަބުންނާއި އިސްރާއީލުގެ ޙިސާރުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދަނީ ނުހަނު ދަތި ޙާލުގައެވެ.