ޚަބަރު

ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް


  • ތިމާވެއްޓާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއްވަނީ ބާއްވާފައި

  • ރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށްދާނެ

  • ވައިކަރަދޫގައި "އޮނު ޕަރކް"އެއް ދަނީ ތަރައްޤީކުރަމުން

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހދ.ވައިކަރަދޫގައި ގިނަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ. ތިމާވެއްޓާ ރައްޓެހި ވެއްޓެއް ޤާއިމުކުރުމަށް އެރަށުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ގިނަ ޕްރޮގްރާމްތައް ހިންގާ އެއް ރަށަކީ ހދ.ވައިކަރަދޫއެވެ. މިޕްރޮގްރާމްތައް އެރަށުގައި ކުރިއަށްގެންދަނީ، ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެޓްމޯސްފިއަރ ފައުންޑޭޝަނާ ގުޅިގެންނެވެ.

ވައިކަރަދޫގައި މިފަހަރު ހިންގާ ޕްރޮގްރާމްތައް ޢަމާޒުކޮށްފައިވަނީ ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރިކޮށް، ވެށި އާލާކުރުމަށް މަސައްކަތްކުރުމަށެވެ. އެގޮތުން ރަށުގެ ފެހިކަން އިތުރުކުރުމާއި ފަރުތައް އާލާކުރުމަށް ބޭނުންވާ މަޢުލޫމާތު ނެގުމާއި ތިމާވެއްޓާ ރައްޓެހިގޮތްތަކުން އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިމެނެއެވެ.

މީގެ އިތުރުން ސްކޫލް ކުދިންނަށް ޢަމާޒުކޮށް ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ މަޒުމޫނު ލިޔުމުގެ މުބާރާތެއް ކުރިއަށްގެންގޮސްފައިވާއިރު، ހޮނިހިރު ދުވަހު ތިމާވެއްޓާ ބެހޭ ކުއިޒެއް ކުރިއަށްގެންދާނެއެވެ.

މިރޭ އެރަށުގައި ވަނީ ރައްޔިތުން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ރަށުގެ ކުދިބޮޑު ރައްޔިތުންނަށް ކުރިއަށްގެންގޮސްފައެވެ.

ވައިކަރަދޫއަކީ އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން "އޮނު ޕާކް"އެއް ހެއްދުމުގެ ޕައިލެޓް ޕްރޮޖެކްޓް ހިންގާ ރަށްވެސްމެއެވެ. ހޭލުންތެރިކުރުމުގެ ސެޝަންގައި ވަނީ އޮނުގެ ސަބަބުން ތިމާވެއްޓަށާއި ދިރިއުޅުމަށް ކުރާ ފައިދާއާއި ގުޅޭ މަޢުލޫމާތު ދީފައެވެ. އަދި ދިރުންތައް އެކަތި އަނެކައްޗާ ގުޅިފައިވާ ނިޒާމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގައި ހިންގާ ޕްރޮގްރާމްތަކުގައި ރަށުގެ ކަނޑޫފަލާއި ރަށުގެ ފަރުގެ ޙާލަތު ދެނެގަތުމުގެ ސަރވޭއެއްވެސް އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދެއެވެ. މިއީ އެތަންތަނުގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލު ދެނެގަނެ، ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

މީގެއިތުރުން ރަށުގެ "އޮނު ޕާކު"ގައި އޮންނަ ޚާއްސަ ހަރާކާތްތަކުގެ ތެރޭގައި، އޮނު ބޭނުންކޮށްގެން އަތްތެރި މަސައްކަތުން ތަކެތި ހަދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ސްކޫލް ދަރިވަރުންނާ ޒުވާނުންނަށް ކުރިއަށްގެންދާނެއެވެ.

ވައިކަރަދޫގައި ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި ގަސް އިންދުމުގެ ޕްރޮގްރާމްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަށުގެ އެކި ހިސާބުތަކުގައި ބަނބުކެޔޮ ގަސް އަދި ޖަނބުރޯލު ގަސް އިންދާނެއެވެ.

މީގެއިތުރުން، އުކާލެވޭ ކުނި މަދުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން ރަށުގައި ގަސްކާނާ ނުވަތަ ކާދު ހަދަން ދަސްކޮށްދިނުމުގެ ސެޝަނެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވައިކަރަދޫގައި ދިރިއުޅޭ އާބާދީއަކީ 700އެއްހާ މީހުންނެވެ. ނަމަވެސް ރަށު ކައުންސިލުން ދަނީ، ރަށް ފެހިކޮށް ތިމާވެއްޓާ ރައްޓެހި ރަށަކަށް ހެދުމަށްޓަކާ ގިނަ ލަނޑުދަނޑިތަކެއް ކަނޑައަޅާ އެ ޢަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންނެވެ.