ކުޅިވަރު

ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް: ރީތި ރަށާއި ކޯރާ ކޯރާއަށް މޮޅެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕުގައި މިއަދު ކުޅުނު މެޗުތަކުން ރީތި ރަށާއި ކޯރާ ކޯރާ މޮޅުވެއްޖެއެވެ.

މުބާރާތުގެ ޒޯން އެކެއްގައި ހިމެނޭ ރީތި ރަށް ކުޅުނު މެޗު ކާމިޔާބުކުރީ ޖުމެއިރާއާ ވާދަކޮށް 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ ޖުމެއިރާއިންނެވެ. ވާދަވެރި ކުޅުމަކަށްފަހު މި ސެޓު ޖުމެއިރާ ކާމިޔާބުކުރީ 30-32 އިންނެވެ.

ދެވަނަ ސެޓުގައި ރީތި ރަށުން ވަނީ އިތުބާރާއެކު އެ ޓީމުގެ ކުޅުން ދައްކާފައެވެ. މި ސެޓު ރީތި ރަށް ކާމިޔާބުކޮށްފައިވަނީ 25-15 އިންނެވެ. ތިންވަނަ ސެޓުވެސް ކާމިޔާބުކޮށްފައިވަނީ ރީތި ރަށުންނެވެ. އެއީ 25-19 އިންނެވެ. ނަމަވެސް ޖުމެއިރާއިން ވަނީ ހިތްވަރާއެކު ކުރި މަސައްކަތުން ހަތަރުވަނަ ސެޓު 20-25 އިން ކާމިޔާބުކޮށްފައެވެ.

ހަތަރުވަނަ ސެޓު ކުޅެ ނިމުނުއިރު ނަތީޖާ ހަމަހަމަވުމުގެ ސަބަބުން ކުޅުނު ފަސްވަނަ ސެޓު ރީތި ރަށް ކާމިޔާބުކޮށްފައިވަނީ 15-7 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ އަލީ ހުޒާމް (ހުޒަންޓޭ) އެވެ.

ރ. އަތޮޅުގެ ރިސޯޓުތަކަށް ޚާއްސަކޮށްގެން ކުޅޭ ޒޯން ފަހެއްގެ މެޗު ކޯރާ ކޯރާއިން ކާމިޔާބުކޮށްފައިވަނީ ޖޯލި ބީންއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ކޯރާ ކޯރާއިން ކާމިޔާބުކުރީ 25-21، 25-20، އަދި 25-18 އިންނެވެ.

މުބާރާތުގެ ޒޯން އެކެއްގެ މެޗުތައް ކުރިއަށްދަނީ ރީތި ރަށުގައެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އަދި ޒޯން ފަހެއްގެ މެޗުތައް ޖޯލި މޯލްޑިވްސްގައި ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 11 ގައެވެ.