ކުޅިވަރު

ޔޫރޯ 2024: ގްރޫޕް އެފް


ޔޫރޯ ކޮލިފައިން ސައްތައިން ސައްތައިގެ ރިކޯޑަކާއެކު ނިންމާލި ހަމައެކަނި ޓީމު ކަމަށްވާ ޕޯޗުގަލް ހިމެނުނު ގްރޫޕް އެފްގައި ދެން ހިމެނެނީ ތުރުކީ އާއި، ޖޯޖިއާ އަދި ޗެކް ރިޕަބްލިކެވެ.

މިއަ ހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ މަދު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޕޯޗުގަލް އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގައި ކުޅުނެވެ. ޔޫރޯގެ އެންމެ ފަހުން ކުޅުނު މުބާރާތުން ކެޓީ ދެވަނަ ބުރުންނެވެ. 2016 ވަނަ އަހަރުގެ ޗެމްޕިއަނުން މިއީ މި މުބާރާތުގައި ކުޅޭ ނުވަވަނަ ފަހަރެވެ. އެ ޓީމުން ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ޖެހިޖެހިގެން ޔޫރޯގެ އަށްވަނަ މުބާރާތަށް ކުރިމަތިލާ ޗެކް ރިޕަބްލިކުން މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ދެވަނަ ޓީމުގެ ގޮތުގައެވެ. ޗެކް ރިޕަބްލިކް ހިމެނުނު ގްރޫޕުގައި ދެން އޮތީ އަލްބޭނިއާ އާއި ޕޮލެންޑެވެ.

ޗެކް ރިޕަބްލިކުން ވަނީ ޔޫރޯގެ އެންމެ ފަހުން ކުޅުނު ހަތް މުބާރާތުގެ ތެރެއިން ދެ ފަހަރު ކުއާޓާގައި، އެއް ފަހަރު ފައިނަލާއި ސެމީގައި ކުޅެފައެވެ. ޗެކޮސްލޮވޭކިއާގެ ނަމުގައި ކުޅުނުއިރު 1976 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރިއެވެ. އޭގެ 20 އަހަރު ފަހުން 1996 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނެވެ. އެންމެ ފަހުގެ މުބާރާތުން ކެޓީ ކުއާޓާއާ ހިސާބުންނެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވިއެވެ.

އެންމެ ފަހުން ކުޅުނު ޔޫރޯގެ ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަންޖެހުނު ތުރުކީ ވަނީ 2008 ވަނަ އަހަރުގެ މުބާރާތުގެ ސެމީގައި ކުޅެފައެވެ. އެއީ ޔޫރޯގައި އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވި ނަމަވެސް، މި އަހަރުގެ ޔޫރޯއަށް ކޮލިފައިވީ ވަރުގަދަ ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ކްރޮއޭޝިއާ އާއި ވޭލްސް ފަހަތަށްޖައްސާލުމަށްފަހު އެއްވަނަ މަގާމު ހާސިލްކޮށްފައެވެ. މިއީ އެ ޓީމުން ޔޫރޯގައި ކުޅޭ ހަވަނަ ފަހަރެެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޖޯޖިއާ އަކީ މިފަހަރު މުޅިން އަލަށް ބޮޑު މުބާރާތެއްގައި ވާދަކުރާ ޓީމެކެވެ. ކޮލިފައިންގައި ސްޕެއިނާއި، ސްކޮޓްލަންޑް އަދި ނޯވޭ އާއެކު ހިމެނުނު ގްރޫޕުގެ ލިބުނީ ހަތަރުވަނައެވެ. އެ ޓީމަށް ޕްލޭއޮފުން ޖާގަ ލިގުނީ ޔުއެފާ ނޭޝަންސް ލީގުގެ ނަތީޖާ ރަނގަޅުވުމުންނެވެ. ޕްލޭއޮފްގައި ލަގްޒަމްބޯގް އާއި ގްރީސް ބަލިކޮށް ޔޫރޯއިން ޖާގަ ހޯދިއެވެ.

ގްރޫޕް އެފްގައި އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ތުރުކީއާ ޖޯޖިއާ ބައްދަލުކުރާ މެޗެެވެ. މި ގްރޫޕުގެ ދެވަނަ މެޗުގައި ޕޯޗުގަލް ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.