ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމަށް އެންމެން މަސައްކަތްކުރަންޖެހޭ: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން


  • ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއްކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޚިދުމަތަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާދެއްވި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ސަލާމަތަށްޓަކައި ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ކޯވިޑުގެ ޢާލަމީ ވަބާ ފިޔަވާ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ފާހަގަކޮށްލެވެނީ 1977 ވަނަ އަހަރާއި 1982 އަހަރު ފެތުރުނު ޝިގެއްލާއާއި ކޮލެރާގެ ބަލިމަޑުކަން ކަމަށެވެ. ނިސްބަތުން ގިނަ ދިވެހިން ދުނިޔެ ދޫކޮށް ދިޔަ މި ދެ ހާދިސާވެސް ގުޅެނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކައިގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއްކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ކާބޯތަކެތީގެ ޤާނޫނު ތަންފީޒުކުރުން އެކަމަނާ ފާހަގަކުރެއްވިއެވެ.

"މަސްވެރިކަން ނަމަ މަހާއި މެދު ޢަމަލުކުރަން ޖެހޭ ރައްކާތެރި ގޮތްތަކުގެ މިންވަރު، ދަނޑުވެރިކަމުގެ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސްއަށް ޢަމަލުކުރުން. މީގެ އިތުރަށް ޤާނޫނާއި ޤަވާއިދުތައް ހަރުދަނާ ކުރުމާއި ތަންފީޒުކުރުން. ވަކިން ޚާއްސަކޮށް ރައީސުލްޖުމުހޫރިއްޔާ ދާދިފަހުން ތަންފީޒުކުރެއްވި ކާބޯތަކެތީގެ ޤާނޫނު ތަންފީޒުކުރުން. އެންމެންގެ ސަލަމާތާއި ރައްކާތެރިކަމަށް އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ބަލައިގަތުން. އެހެނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް " ސާޖިދާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ރާއްޖޭގައި، އިމްޕޯޓު ކުރެވޭ ބައެއް ތަކެއްޗަކީ ވަކި ފިނިހޫނުމިނެއްގައި ގެންގުޅެންޖެހޭ ތަކެތިކަމަށާއި، ބައެއް ތަކެއްޗަކީ ވަކި އޫސޫލެއްގެ ތެރެއިން ގެންގުޅޭޖެހޭ ތަކެތިކަމަށެވެ.
ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ފެންފަށަލައާ މެދު ރައްކާތެރިވާން ޖެހޭކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެއީ ދަނޑުވެރިކަމަށް ބޭނުން ކުރާ ބޭހާއި ކެމިކަލް ބިންގަނޑަށް ހިނދި ފެންފަށަލަ ތަޢައްޔަރު ވުމުގެ ފުރުސަތު އޮތުމުން ކަމަށް ބައެއް ދިރާސާތަކާއި ހަވާލާ ދެއްވައި އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ޖަލްސާގައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޚިދުމަތަށް ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވި ހަތަރު ފަރާތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައެވެ. ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.