ޚަބަރު

ދިވެހިންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަޤީންކަން ލަންކާއިން ދީފި


  • ދިވެހި ދަރިވަރުން އަހަރަކު ދައްކަންޖެހޭ ވިސާ ފީއަށް ހައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވި

  • ވިސާ ޚިދުމަތަށް ލަންކާއިން ގެނައި ބަދަލުން 30 ދުވަހަށް ވުރެ އިތުރުވަންޏާ މިހާރު އިދާރީ ފީއެއް ނަގާ

އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ކޮށްދެއްވައި އިތުރު ފީއަކާއި ނުލައި ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަޤީންކަން ލަންކާ ސަރުކާރުން ދެއްވައިފިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ ޓިރަން އަލެސް އާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އެމަނިކުފާނު ވަނީ އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް ސްރީލަންކާއިން ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްސާ ކުރައްވައި އެ ކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ދޭ ޓޫރިސްޓް ވިސާގެ އިންތިޒާމްތަކަށް ބައެއް ބަދަލުތަކެއް އެގައުމުން ދާދިފަހުން ވަނީ ގެނެސްފައެވެ. މިބަދަލާއެކު ދުރާލާ ވިސާ ނެގުމެއްނެތި ސްރީލަންކާއަށް ދެވެން އޮތް އުޞޫލުގެ ދަށުން މިހާރުވެސް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެއެވެ.
ވިސާގެ އިންތިޒާމަށް ގެނައި ބަދަލާއެކު މިއަށްވުރެ ދިގު މުއްދަތަށް ސްރީލަންކާގައި ތިބެން ބޭނުންވާ ފަރާތްތަކަށް 6 މަސްދުވަހުގެ ވިސާއަށް ހުށައެޅޭނެއެވެ. ނަމަވެސް ވިސާގެ މުއްދަތު އިތުރުކުރާނަމަ އެޑްމިނިސްްޓްރޭޓިވް ފީއެއް ނަގައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ ޓިރަން އަލެސް ވަނީ ދެ ޤައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަޤީން ކޮށްދެއްވާފައެވެ. އަދި ސްރީލަންކާގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީއަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ޓިރަން އަލެސް ދެއްވިއެވެ.

މީގެއިތުރުން ވެސް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޙިއްސާކުރެއްވި ކަންބޮޑުވުންތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތައް ވެސް ހައްލުކޮށް ދެއްވައި، ކައިރި މުސްތަޤުބަލެއްގައި، ލިޔުމުން ޙިއްސާކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ވަނީ ދެއްވާފައެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށް މި މަހުގެ 03 އިން 06 އަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރެއްވި ދަތުރުފުޅު ނިންމަވާލައި މިއަދު ވަޑައިގަންނަވާނެއެވެ.