ވައިގެ މަގުންނާއި ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވޭތުވެދިޔަ 2 މަސްތެރޭގައި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.
ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ އެޕްރީލް މަހާއި މެއި މަހުގެ ތެރޭގައި ވައިގެ މަގުން އައިސްފައިވާ ފަސިންޖަރުންނާއި ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.
މިގޮތަށް ބަލާ ފަސްކުރުމުގެ ތެރޭގައި ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިންވަނީ އަތުލައިގެންފައެވެ. އެގޮތުން ތަފާތު 4 މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހްލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތްތައްކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone)، އާއި ކޮކެއިން (Cocaine)، އާއި ހެރޮއިން (Heroin) އަށްވަނީ ޕޮޒިޓިވްވެފައެވެ. އަތުލައިގަނެފައިވާ މިމަސްތުވާތަކެތީގެ މަގުމަތީ އަގު 17,726,000.00 (ސަތާރަ މިލިއަން ހަތްލައްކަ ސައްބީސް ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ހާމަކުރައްވައެވެ.
މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސްއިން ހާމަކުރައްވައެވެ.