ޚަބަރު

ސަރުކާރު ޚަރަދުގައި ޙައްޖަށްދާ 48 މީހުން މާދަމާ ފުރަނީ


  • ސަރުކާރު ޚަރަދުގައި ޙައްޖަށްދާ 2 މީހަކު މިހާރު ތިބި މައްކާގައި

  • ގުރުއަތުން ހޮވި 50 މީހުންގެ ތެރެއިން 10 މީހަކު އުޒުރުވެރިވުމުން ފުރުސަތު އެހެން މީހުންނަށް ލިބިފައިވޭ

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުންގެ ތެރެއިން 48 މީހުން މާދަމާ ޙައްޖަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި މިދައުރުގެ ތެރޭގައި 1000 މީހުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މިއަހަރު ފޮނުވާ 50 މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ. މީގެތެރެއިން 2 މީހަކު މިހާރު މައްކާއަށް ގޮސްފައިވާއިރު ބާކީތިބި 48 މީހުން ހުކުރުދުވަހު ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. އަންނަ ހުކުރު ދުވަހު ފުރާނީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ 3 ވަނަ ފްލައިޓެވެ.

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިޔުމަށް ގުރުއަތުން 50 މީހުން ހޮވާފައިވާއިރު މީގެތެރެއިން އެއްވެސް ފަރާތަކުން ޙައްޖަށް ދިޔުމަށް އުޒުރުވެރިވާ ޙާލަތުގައި އެސްލޮޓުގައި ޙައްޖަށް ދާނެ މީހުންގެ 10 ފަރާތެއްވަނީ ގުރުއަތުން ހޮވާފައެވެ. އެގޮތުން މިފަހަރު ފުރަތަމަ ހޮވި 50 މީހުންގެ ތެރެއިން 10 ފަރާތަކުން މިއަހަރު ޙައްޖަށް ދިޔުމަށް އުރުވެރިވުމާއި ގުޅިގެން ލިސްޓުގެ ތަރުތީބުން ރިޒާވްގައި ތިބި 10 މީހަކަށް އެފުރުސަތު ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުން ޙައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި އިންޓަރވިއުކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން ތިބިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ޙައްޖަށް ގެންދިޔުމަށް މިއަހަރު ހުރިހާ ކޯޓާއެއް ސަރުކާރުން ދެއްވާފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އެގޮތުން 1150 ކޯޓާ ރާއްޖެއަށް ލިބިފައިވާއިރު މިހާތަނަށް 615 ޙައްޖުވެރިންވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައެވެ. ޖުމްލަ 4 ފްލައިޓުގައި ދިވެހި ޙައްޖުވެރިން ގެންދިޔުމަށް ހަމަޖެހިފައިވާއިރު 3 ވަނަ ފްލައިޓު މާދަމާ އަދި ފަހު ފްލައިޓު މިމަހުގެ 10 ވަނަ ދުވަހު ފުރުމަށްވަނީ ހަމަޖެހިފައެވެ.