މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އައު މަޖިލިސް ހުވާކުރުމާއެކު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު ފާސްކުރަންޖެހެއެވެ. އެގޮތުން މި އުސޫލު ފާސްކޮށްފައިވަނީ އާއްމު ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި އުސޫލުގައިވާ ގޮތުން ޕާލަމަންޓްރީ ގްރޫޕުތަކުގެ ތެރެއިން 10 މެންބަރުންނަށްވުރެ ގިނަ މެންބަރުން ހިމެނޭ ގްރޫޕުތަކަށާއި މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ހަމަޖައްސަންޖެހެއެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އޮންނާނީ 75 މެމްބަރުން ތިއްބެވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕާއި 12 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 11 މެންބަރުންނާއި 20 މެންބަރުންނާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް 2 މުވައްޒަފުން ކަނޑައަޅަން ޖެހެއެވެ. އަދި 30 މެމްބަރުންނަށްވުރެ އިތުރަށް ތިނޭ ޕާލަމެންޓްރީ ގްރޫޕްތަކަށް 4 މުވައްޒަފުން ލިބޭނެއެވެ. އެހެންކަމުން މި އުސޫލުގެ ދަށުން ޕީއެންސީގެ ޕީޖީއަށް 4 މުވައްޒަފުން އަދި އެމްޑީޕީގެ ޕީޖީއަށް 2 މުވައްޒަފުން ލިބޭނެއެވެ.
ޕާލަމަންޓްރީ ގްރޫޕުތަކުގެ އިތުރުން މެޖޯރިޓީ ލީޑަރަށް ދެ މުވައްޒަފުންނާއި ޑެޕިއުޓީ ލީޑަރަށް ދެ މުވައްޒަފުންވެސް ކަނޑައަޅަން ޖެހެއެވެ. އެގޮތުން 20،000 ރުފިޔާގެ މުސާރައިގައި ދެ މުވައްޒަފުން ނުވަތަ 30،000 ރުފިޔާގެ މުސާރައަކަށް އެއް މުވައްޒަފަކު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަށް ނެގޭނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ. އަދި މައިނޯރިޓީ ލީޑަރަކީއެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.