ކުޅިވަރު

އެކުވެރިކަމުގެ މެޗުތަކުން ބެލްޖިއަމް، ސްޕެއިން އަދި ފްރާންސަށް މޮޅެއް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ސްޕެއިނާއި، ބެލްޖިއަމް އަދި ފްރާންސްއުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން މޮޅުވެއްޖެއެވެ.

މި ތިން މެޗުގެ ތެރެއިން އެންމެ ޚާއްސަ މެޗަކީ ރޭ ބެލްޖިއަމް އާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗެވެ. ބެލްޖިއަމުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު އެންމެ ޚާއްސަވި ކުޅުންތެރިއަކީ ބެލްޖިއަމުގެ ކެޕްޓަން ކެވިން ޑިބްރޭނާއެވެ. މިއީ ޑި ބްރޭނާ ބެލްޖިއަމް ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. މި ޚާއްސަ މެޗުގައި އޭނާ ވަނީ ލަނޑުވެސް ޖަހާފައެވެ. ދެން މި މެޗުގައި ލަނޑު ޖަހާފައިވަނީ ލެއާންޑްރޯ ޓްރޮސާޑްއެވެ. އޭނާ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މީގެ އިތުރުން މި މެޗުގައި މޮންޓެނީގްރޯގެ މިލޯސް ބޯނަވިޗަށް ވަނީ 88 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

ސްޕެއިން މޮޅުވީ އެންޑޯރާ އަތުން 5-0 ގެ ނަތީޖާއަކުންނެވެ. ސްޕެއިނުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީވެސް އެ ޓީމުންނެވެ. މި މެޗުގައި ސްޕެއިންގެ ހަލުވި ޕާސިން ގޭމު ވަރަށް ރީތިކޮށް ފެނުނެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

ސްޕެއިނަށް މި މެޗުގައި ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އަޔޯޒީ ޕެރޭޒެވެ. އެއަށްފަހު ދެވަނަ ހާފުގައި މިކޭލް އޮޔާޒަބާލް ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން އެ ޓީމަށް ލަނޑު ޖެހީ ފެރާން ޓޮރޭސްއެވެ.

މީގެ އިތުރުން ފްރާންސް މޮޅުވީ ލަގްޒަމްބާގް އަތުން 3-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމުން ލީޑު ނެގީ ރަންޑަލް ކޯލޯ މުއާނީ ޖެހި ލަނޑުންނެވެ. ފްރާންސްގެ އަނެއް ދެ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ޖޮނަތަން ކްލޯސްއެވެ.

މީގެ އިތުރުން ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރެއިން ޑެންމާކް ވަނީ 2-1 އިން ސްވިޑެން ބަލިކޮށްފައެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޓީމުތައް ތައްޔާރުވަމުން އަންނައިރު ކުރިއަށްއޮތް ދުވަސްތަކުގައި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ޓީމުތަކުން ކުޅޭނެއެވެ.