ޚަބަރު

މަސްޖިދުއް ނަބަވީގައި ހުންނަ ކުޑަތައް؛ 143،000 އަކަ މީޓަރު ސަރަޙައްދެއް ހިޔާކޮށްދޭ


  • ކުޑަތައް ހަރުކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 21 ވަނަ ޤަރުނުގައި

  • އެންމެ ފަހު ކުޑަ ބަހައްޓާފައިވަނީ 2011 ވަނަ އަހަރު

  • 250 ކުޑަ ބަހައްޓާފައިވޭ

މަސްޖިދުއް ނަބަވީއަށް ވަނުމުގެ މާކުރިން އެފެންނަން ފަށާ ބޮޑެތި ކުޑަތަކަކީ ނަބަވީ މިސްކިތުގެ ރީތިކަމާއި ފުރިހަމަކަމަށް އިތުރު ބަހާރެއް ގެނުވައިދޭ ކުޑަތަކެކެވެ. ޒަމާނީ އިންޖިނިއަރިންއާއި ޑިޒަިއިނިންގެ އަޖައިބެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މިކުޑަތަކުގެ ބޭނުމަކީ ދުވާލެއްގެ މައްޗަށް އެތައް ހާސް މުސްލިމުންނެއް ނަމާދުކުރަން ގޮސްތިބޭއިރު އިރުގެ އަލިންނާއި ހޫނުން ރައްކާތެރިކޮށްދީ ހިޔާވެހިކަން ފޯރުކޮށްދިނުމެވެ.

މަސްޖިދުއް ނަބަވީގައި ހުންނަ ކުޑަތައް ހަރުކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 21 ވަނަ ޤަރުނުގައި އެކި މަރުހަލާތަކަށް ބަހާލައިގެންނެެވެ. މިމަޝްރޫޢުގައި ހިމެނޭ ކުޑަތަކުގެ ތެރެއިން އެންމެ ފަހު ކުޑަ ބަހައްޓާފައިވަނީ 2011 ވަނަ އަހަރުއެވެ. ނަބަވީއަށް ޒިޔާރަތް ކުރާ މީހުން އަވިން ރައްކާތެރިކޮށްދިނުމުގެ ގޮތުން މިފަދަ 250 ކުޑަ ބަހައްޓާފައިވެއެވެ. މިކުޑަތައް ލައްޕާފައި ހުންނައިރު އުސްމިނުގައި 21.7 މީޓަރު ހުންނަކަމަށްވެއެވެ. އަދި މިކުޑަތަކުގައި 436 ފަންކާއާއި 1000 ބޮކި ހަރުކޮށްފައި ހުރެއެވެ.

ކުޑަތައް ހުޅުވާފައި ހުންނައިރު ހުންނަނީ ފޮޅިފައިވާ މަލެއްގެ ފިޔަތަކެއްގެ ބައްޓަމަށެވެ. މިއާއެކު 143،000 އަކަ މީޓަރުގެ ސަރަޙައްދެއް ހިޔާކޮށްދެއެވެ. މިކުޑަތައް ހަދާފައިވަނީ ޔޫވީ ރެސިސްޓެންޓް ޓެފްލެން ކޯޓުކޮށްފައިވާ ފައިބަރ ގްލާސްއިންނެވެ. ބޭނުންވުމުން ހުޅުވާލެވޭ އަދި ލައްޕާލެވޭ މިކުޑަތަކުގެ އެމަސައްކަތަށް ބޭނުންވަނީ 3 މިނެޓެވެ. މިކުޑަތައް އާންމުގޮތެއްގައި ހުޅުވަނީ އިރު އަރާވަގުތުއެވެ. އަދި ކުޑަތައް ލައްޕަނީ މަޢްރިބް ނަމާދަށްފަހުއެވެ. ކުޑަތައް ލައްޕާފައި ހުންނައިރު ތަބުތަކެކޭ އެއްފަދައެވެ.

މިކުޑަތައް ފަރުމާކޮށްފައިވަނީ ކިންގް ފަހްދުގެ އެންގެވުމަށް މިސްރުގެ އަރކިޓެކްޗަރެއްކަމަށްވާ މުޙައްމަދު ކަމާލް އިބްރާހިމެވެ. މިމަސައްކަތަށް 4.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މަސްޖިދުއް ނަބަވީއަކީ ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަގެ މިސްކިތްކޮޅެވެ. މިއީ މުސްލިމުންގެ އެންމެ މުގައްދަސް 2 ވަނަ ބިނާއެވެ. މައްކާގެ މަސްޖިދުލްހަރަމް ފިޔަވައި އެހެން މިސްކިތްތަކުގައި ކުރެވޭ 1000 ނަމާދަށްވުރެ މަސްޖިދުއް ނަބަވީގައި ކުރެވޭ އެންމެ ނަމާދެއްވެސް ހެޔޮކަން ބޮޑުވެގެންވެއެވެ.