ޙައްޖު ދުވަހު ނަމިރާ މިސްކިތް ވަށައިގެން އޮންނަ މަގުތަކުގެ ހޫނުމިން ދަށްކުރުމަށް ތާރުގަނޑުގެ މަތީގައި ޒަމާނީ ޓެކްނޮލޮޖީ އެއް ބޭނުންކޮށްގެން ކޯޓިންއެއް އަޅައިފިއެވެ.
ހައްޖުވެރިންނަށް އެ އަޅުކަން އަދާކުރާ ބިންތަކުގެ މާހައުލު ފިނިކުރުމަށް ސައުދީ އަރަބިއްޔާގެ ރޯޑްސް ޖެނެރަލް އޮތޯރިޓީއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަރަފާތު ބިމުގައި ހުދުކުލައިގެ ކޯޓިން އެޅުމުގެ މަސައްކަތް ނިންމާލައިފައިވަނީ މިހަފްތާގެ ތެރޭގައެވެ. އިރުގެ އަލި ބިމާހަމައަށް ވާސިލުވާވަރު މަދުކޮށްދޭ މެޓީރިއަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ މި ހުދު ކޯޓިންގެ ސަބަބުން ބިމުގެ ސަރަހައްދުގެ ފިނިހޫނުމިން ގާތްގަނޑަކަށް 20 ޑިގްރީ ސެލްސިއަސް ދަށްކޮށްދެއެވެ.
މިކޯޓިންވަނީ މިދިޔަ އަހަރުގެ ހައްޖު މޫސުލުގައި ޖަމްރާތުގެ ސަރަހައްދުގެ މަގުތަކުގައި އަޅައި ޓެސްޓު ކޮށްފައެވެ. އެ ޓެސްޓުތަކުން ކާމިޔާބުކަމާއެކު އެސަރަހައްދުގެ ފިނިހޫނުމިނުން 12 ޑިގްރީ އާއި 15 ޑިގްރީ ސެލްސިއަސް ދަށްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ކާމިޔާބީއާއި ގުޅިގެން, އެ ކޯޓިން އަޅާ ސަރަހައްދު ފުޅާކުރަން ނިންމައި އަރަފާތު ބިމުގެ ނަމިރާ މިސްކިތުގެ ވަށައިގެން ގާތްގަނޑަކަށް 25،000 އަކަމީޓަރުގެ ސަރަހައްދެއްގައި އަޅައިފައިވެއެވެ. މި އަހަރުގެ ހައްޖު މޫސުމުގައި އިންތިހާއަށް ހޫނުގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށް ސައުދީ އަރަބިއްޔާގެ މީޓިއޮރޮޖިކަލް ސެންޓަރުން ވަނީ ލަފާކޮށްފައެވެ. މިގޮތުން ހައްޖު ދުވަސްވަރު ފިނިހޫނު މިން 44 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ބެލެވެއެވެ. އެއީ ސައުދީގެ އެވްރެޖް ފިނިހޫނު މިނަށްވުރެ އެކެއް ބައި ނުވަތަ ދޭއް ޑިގުރީއަށް ވުރެ މަތީ މިންވަރެއްކަން އެ ސެންޓަރުން ފާހަގަކުރެއެވެ. އަދި ދުވާލުގެ ވަގުތު ބިންގަނޑުގެ ހޫނު 70 ޑިގްރީއަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ސައުދީގެ މޫސުމާ ބެހޭ ފޯކާސްޓް ދައްކާ ގޮތުން ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތް ހައްޖު ދުވަސްވަރު ހުންނާނެ ކަމަށް ބެލެނީ 25 އިންސައްތައިގައެވެ. އެދުވަސްވަރު އެއް ގޮތަކަށްވެސް ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ސައުދީ މޫސުމާ ބެހޭ އޮފީހުން ބުނެފައިވެއެވެ.
ހުސްވި އަހަރުގެ ހައްޖު ދުވަސްވަރު ފިނިހޫނު މިން 48 ޑިގުރީއަށް ދިޔަކަން ރެކޯޑް ކުރެވިފައިވެއެވެ. ހޫނު ގަދަވުމުގެ ސަބަބުން 2000އަށް ވުރެ ގިނަ މީހުންނަށް ހުސްވި އަހަރު ހައްޖުގައި ހީޓް ސްޓްރޯކް ޖެހުނުކަމަށް ޚަބަރުތައް ބުނެއެވެ. ހޫނުގެ އަސަރު ކުޑަކުރުމަށް ސައުދީ ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރޭގައި ހައްޖުވެރިން ތިބޭ ޓެންޓުތައް އެއަރކޯން ކުރުމާއި، މީހުން ގިނަވާ ތަންތަނުގެ ވައިގެ ތެރެއަށް ފެން ބުރުއްސާ ނިޒާމު ބެހެއްޓުން ހިމެނެއެވެ.