ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކުރެއްވި ފަސްމިލިއަން ގަސް ޕްރޮގްރާމްގެ ތެރެއިން 500000 (ފަސްލައްކަ) ގަސްއިންދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ކުރިއަށް އޮތް 5 އަހަރު ފަސްލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ހިންގާ ހަރަކާތް ފެށީ ކ. ތުލުސްދޫގައެވެ. މިހަރަކާތުގައި އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުން ވަނީ ގަސް އިންދާފައެވެ. މިހަރަކާތުގައި ތުލުސްދޫ ސްކޫލުގެ ދަރިވަރުންނާއި އެރަށު ކައުންސިލުންވެސް ބައިވެރިވިއެވެ.
ސްޓެލްކޯގެ އަމާޒަކީ މިއަހަރު ތެރޭގައި 25000 ގަސް އިންދުން ކަމަށް އެކުންފުނިން ބުނެއެވެ. އެގަސްތައް އިންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށުގައެވެ.
ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންކަމަށްވެސް ސްޓެންލްކޯއިން ބުނެއެވެ.
5 މިލިއަން ގަސް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. އެޕްރޮގްރާމުގެ ދަށުން ގަސްއިންދުމުގެ ޕްރޮގްރާމްގެ މުހިންމު ބައިތަކެއް މިއަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، 5 އަހަރަށް ބަހާލައިގެން ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން، ކަރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތާއި، ރާއްޖޭގެ ކުޅި، ފާ ޗަސްބިންތައް ހިމާޔަތްކުރުމާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.