ކުޅިވަރު

ޔޫރޯ 2024: ގްރޫޕް އީ


ފަހަކަށްއައިސް ކޮންމެ ބޮޑު މުބާރާތަކަށް ފޭވަރިޓެއްގެ ޓެގާއެކު އަންނަ ބެލްޖިއަމް މި ފަހަރުގެ ޔޫރޯގައި ހިމެނުނު ގްރޫޕް އީގައި ދެން ހިމެނެނީ ސްލޮވޭކިއާ އާއި، ރޫމޭނިއާ އަދި ޔޫކްރެއިންއެވެ. މި ފަހަރުގެ މުބާރާތަކީ ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަނަށް ތައްޓެއް ހޯދުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި މި ޓީމު ވަނީ ޔޫރޯގެ އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެފައެވެ. މިހާތަނަށް ހަ ފަހަރު ޔޫރޯގައި ވާދަކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 1980 ވަނަ އަހަރުގެ ރަނަރަޕް މަގާމު ހޯދުމެވެ. މި ފަހަރުގެ މުބާރާތަށް ބެލްޖިއަމް ކޮލިފައިވީ ސްވިޑެން އާއި އޮސްޓްރިއާ ފަދަ ޓީމުތަކާ ވާދަކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، މި ފަހަރުގެ ޔޫރޯއަށް ކޮލިފައިވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. މެޗުތައް އެހެން ގައުމެއްގައި ކުޅެން ޖެހުމާއި، އެހެނިހެން އުނދަގޫތައް ކުރިމަތިވިއިރު، ކޮލިފައިވީ ޕްލޭއޮފްގައި އައިސްލަންޑާއި ބޮސްނިއާ ބަލިކޮށްގެންނެވެ. އެއީ ކޮލިފައިންގައި ހިމެނުނު ވަރުގަދަ ގްރޫޕުގައި އިންގްލަންޑާއި އިޓަލީގެ ކުރިހޯދޭ ގޮތް ނުވެ، ތިންވަނަ މަގާމު ލިބުމުންނެވެ. މި އަހަރުގެ ޔޫރޯ އަކީ ޔޫކްރެއިނުން ޖެހިޖެހިގެން ކުޅޭ ހަތަރުވަނަ މުބާރާތެވެ. އެންމެ ފަހުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެއީ އެ ޓީމަށް މި މުބާރާތުގައި ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.

އެންމެ ފަހުން ކުޅެވުނު ޔޫރޯއަށް ކޮލިފައިނުވި ނަމަވެސް، ރޫމޭނިއާއިން މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ސްވިޓްޒަލަންޑާއި އިސްރާއީލް ފަހަތަށް ޖައްސާލާފައެވެ. މި ފަހަރުގެ މުބާރާތަކީ އެ ޓީމުގެ ހަވަނަ މުބާރާތެވެ. ޔޫރޯގައި މިހާތަނަށް އެންމެ ދުރަށް ދެވިފައިވަނީ 2000 ވަނަ އަހަރު ކުއާޓާއަށެވެ. އެ ފަހަރު އެ ޓީމު ހިމެނުނީ ޕޯޗުގަލް އާއި، އިންގްލަންޑް އަދި ޖަރުމަނާ އެއް ގްރޫޕެއްގައެވެ. ކުއާޓާގައި ނާކާމިޔާބުވީ އިޓަލީ އަތުން ބަލިވުމުންނެވެ.

ގްރޫޕް އީގައި ދެން ހިމެނޭ ސްލޮވާކިއާ އަކީ މީގެ ކުރީން 1976 ވަނަ އަހަރު ޗެކޮސްލޮވާކިއާގެ ނަމުގައި ޔޫރޯ ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މިހާތަނަށް ޔޫރޯގައި ފަސް ފަހަރު ވާދަކޮށްފައިވާއިރު، އެންމެ ފަހުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި އަހަރުގެ ޔޫރޯއަށް އެ ޓީމު ކޮލިފައިވީ ޕޯޗުގަލްގެ ފަހަތުން ދެވަނަ ހޯދައިގެންނެވެ. އެ ގްރޫޕުގައި އައިސްލަންޑާއި ބޮސްނިއާ ފަދަ ޓީމުތައް ހިމެނުނެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި ރޫމޭނިއާއިން ޔޫކްރެއިނާ ބައްދަލުކުރާއިރު، ބެލްޖިއަމް ނިކުންނާނީ ސްލޮވާކިއާއާ ދެކޮޅަށެވެ.