ޚަބަރު

5 މިލިއަން ގަސް: ވައުދުތައް ފުއްދެވުމުގައި ރައީސް މުއިއްޒު މަޑުޖެހުމެއް ނެތި ކުރިއަށް


  • 5 މިލިއަން ގަސް އިންދެވުމުގެ މަޝްރޫޢަކީ ރިޔާސީ ވައުދެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަަލަތަކަށް ހައްލު ހޯއްދެވުމުގެ ވަރުގަދަ އަޒުމްފުޅަކާއެކުއެވެ. މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ވައުދު ވެވަޑައިގެންނެވުމުގެ އިތުރުން، އެ މައްސަލަތަކަށް ގެނެސްދެއްވާނެ ހައްލުތައްވެސް އެމަނިކުފާނުގެ މެނިފެސްޓޯގައި އޮތީ ތަފްސީލު ކޮށްދެއްވާފައެވެ. މިގޮތުން ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކާއި އެ މައްސަލަތަކުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ ވަށާޖެހޭ ޖުމްލަ ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމެއްކަމުން ގަސްގަހާ ގެއްސަކީ ރާއްޖޭގެ ގުދުރަތީ ވެށީގެ ދެމެހެއްޓެނިވިކަމާއި ރައްކާތެރިކަމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްްޗަކަށްވާއިރު، މިފަހަކަށް އައިސް ރާއްޖޭގެ ރަށްރަށާއި، ހާއްސަކޮށް މާލޭގެ ފެހިކަން ކުޑަވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެހެންކަމުން އެކަމަށްވެސް ހައްލު ތަކެއް ގެނެސް، ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައެވެ.

ރާއްޖެ ފެހިކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ރައީސް މުއިއްޒުގެ ސަރުކާރުން މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދަން ނިންމަވައި، އެކަން އިއުލާންކުރެއްވީ މިދިޔަ އަަހަރު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ތެރޭގައެވެ.

ތިމާވެއްޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަަމިޓުގެ ތެރެއިން 5 މިލިއަން ގަސް އިންދުމުގެ ވައުދުވެވަޑައިގަތުމަށްފަހު، އެ ސަމިޓުގެ ތެރެއިން ވަނީ އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ފައްޓަވާފައެވެ. އެގޮތުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ހޯއްދެވުމުގެ މަސައްކަތްވެސް ރައީސް ވަނީ ސަމިޓުގެ ތެރެއިން ކުރިއަށް ގެންދަވާފައެވެ. އަދި ރައީސް ކުރެއްވި މަސައްކަތްޕުޅާއެކު އަވަށްޓެރި ބައެއް ޤައުމުތަކުންވެސް ވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ގަސް ހަދިޔާ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސްގެ ވައުދާއި އެއްގޮތަށް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަނީ މިދިިޔަ ދުވަސްތަކުގައި ވަރަށް ފުރިހަމައަށް ކުރިއަށް ގެންދަވާފައެެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ބައިވެރިވުން އޮންނާނެ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ތިމާވެށީގެ ދުވަހު 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވާނެކަން މިދިޔަމަހު ސަރުކާރުން އިއުލާންކޮށް، އެކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެެރިވުމަށް ސަރުކާރުން އޮތީ އިލްތިމާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިހާރު ފަށާފައިވާއިރު، މީގެކުރިން ހިންގާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި މި ޕްރޮގްރާމް ތަފާތުވާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މީގެކުރިން ހިންގި ގަސް އިންދުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފެއްޓެވި ގަސް އިންދުމުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މިފަހަރު ހިންގާ ޕްރޮގްރާމްގައި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ގަސްތަކަކީ ކޮބައިތޯ ބަލައި، އެ ގަސްތައް އިންދުމުގެ މަސައްކަތަށް ސަރުކާރުން ވަނީ އިސްކަމެއް ދެއްވާފައެވެ.

ކުރިންވެސް ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައިވާކަން ފާހަގަކުރައްވަމުން ސަރުކާރުން ވިދާޅުވީ އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ނުވާތީކަމަށެވެ. ކޮންމެއަކަސް 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ވެވަޑައިގެންނެވި ވައުދުގެ މަސައްކަތް ފެށިފައިވާއިރު، މިއީ ވެވަޑައިގަންނަވާ ވައުދު ފުއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޑުޖެހުމެއް، ފަސް ޖެހުމެއް ނެތްކަން ދައްްކުވައިދޭ އިތުރު މިސާލެއްކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެެވެ. އަދި މިކަންކަމުގެ ސަބަބުން ކިތަންމެ ބޮޑު ވައުދެއްނަމަވެސް، ނުވަތަ ކިތަންމެ ކުޑަ ވައުދެއްނަމަވެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ވައުދެއް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބެމުންދާކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.