ޚަބަރު

ކުނި މެނޭޖުކުރުމަށް "މަގޭ ސާފުރާއްޖެ" ނަމުގައި ޤައުމީ ސިޔާސަތެއް އިފްތިތާޙުކޮށްފި


  • މި ސިޔާސަތުގައި 12 ލަނޑުދަނޑި ހިމެނޭ

  • ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރު އަދި ވަސީލަތްތައް ހުންނާނެ

  • ޕްރައިވެޓް ސެކްޓަރ ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރާނެ

"މަގޭ ސާފުރާއްޖެ" ނަމުގައި ކަނޑައަޅާފައިވާ ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތާއެކު 2028 ވަނަ އަހަރު ނިމޭއިރު، ކުނީގެ މައްސަލައިގައި ރާއްޖެއަށް ބޮޑެތި ޙައްލުތަކެއް ހޯދޭނެކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ހ.މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "މަގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ލޯގޯއާއި ބްރޭންޑިން އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލްއެވެ. އަދި ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓެޖީ އިފްތިތާޙުކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމްއެވެ.

"މަގޭ ސާފުރާއްޖެ" ސިޔާސަތަކީ ކުރިއަށް އޮތް 5 އަހަރު، ރާއްޖޭގައި ކުނި މެނޭޖުކުރުމާއި ވެށީގެ ސާފުކަން ދެމެހެއްޓުމަށް ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން އެކުލަވާލި މަގުޗާޓެކެވެ.

މި ސިޔާސަތުގައި މައިގަނޑު 12 ލަނޑުދަނޑިއެއް ޙާސިލްކުރުމަށް ހިމަނާފައިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ރާވާ ހިންގާނެ ގޮތާ، ތިމާވެއްޓާ ރަށްޓެހި ގޮތްތައް އަށަގެންނެވުމާއި މި މަސައްކަތުގައި އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

ސިޔާސަތު އިފްތިތާޙުކޮށްދެއްވާ ވާހަކަދައްކަވަމުން ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ އެންމެ ބޮޑު އެއް މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދާނީ، ވަށާޖެހޭގޮތަށް ކުނި މެނޭޖުކުރެވޭނެ ވަސީލަތްތައް ކޮންމެ ރަށަކަށް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި މި މަސައްކަތުގައި އެ ރަށެއްގެ އާބާދީއާއި އެކަށީގެންވާ ކުނި ކޮށި އަދި ކުނި މެނޭޖުކުރާ ވަސީލަތްތައް ޤާއިމުކުރާނެއެވެ.

ވަޒީރު ވިދާޅުވީ މިކަމަށް ވަކި ސިޔާސަތެއް ހެދިފައި އޮތުމަކީ، ކުނީގެ މައްސަލަ ޙައްކުރަން އަވަސް ފިޔަވަޅުތައް އެޅުމަށް ލިބޭ ބާރެއްކަމަށެވެ.

"ބައެއް ރަށްތަކުގައި ހުރީ ކުނިގޮނޑުގައި ވަށާ ފާރު. އަނެއްބައި ރަށްތަކުގައި ތަންކޮޅެއް ހިޔާކޮށްލާފައި، އެކަމަކު ވަސީލަތެއް، ވެހިކަލެއް ނެތް. މި ފަސް އަހަރު ނިމޭއިރު ހުރިހާ ރަށަކަށް ބޭނުންވާ ވަސީލަތް ހަމަކުރާނަން." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާ ސިޔާސަތުގައި ހިމަނާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރާއްޖޭއަށް މުދާ އެތެރެކުރާ ފަރާތްތަކުން، ކުންޏާމެދު ޒިންމާދާރުކުރުވުމަށް ފިޔަވަޅުތަކެއް އެޅުންކަމަށެވެ.

"އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ލަނޑުދަނޑި މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޭނުންތަކަށް އެތެރެކުރާ ތަކެތިން އުފެދޭ ކުނިވެސް، މަދުކުރެވޭނެ ގޮތްތަކެއް މި ސިޔާސަތުތަކާއެކު ހޯދޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

"ރިސައިކަލް ކުރުން ނުވަތަ އަލުން ބޭނުންކުރުމުގެ ސިޔާސަތު ތަންފީޒުކުރާނަން. ޕްލާސްޓިކް ރިސައިކަލް ފުރުޞަތު އިތުރުކުރާނަން. މިކަން ކުރާނީ ހަމައެކަނި ސަރުކާރަކުން ނޫން، ޕްރައިވެޓް ސެކްޓަރގެ ދަޢުރު ފުޅާކުރާނަން" ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުނި މެނޭޖުކުރުމަށް ތިލަފުށީގައި ޤާއިމުކުރާ ނިޒާމަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭ، ތިމާވެއްޓާ ރައްޓެހި ނިޒާމެއްކަމަށެވެ. ނަމަވެސް މިހާރު ތިލަފުއްޓަށް ދުވާލަކު 700 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާކަމަށާއި ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ކުރިއަށް އޮތް 2-3 އަހަރު ތެރޭގައި މި އަދަދު 1000 ޓަނަށް ބަދަލުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވެމްކޯ މެދުވެރިކޮށް ރާއްޖޭގެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުނި މެނޭޖުކުރާ ނިޒާމުވެސް ހަރުދަނާ ކުރަމުންދާކަމަށާއި އަދި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.