ޚަބަރު

ބްރިޖު : ޒުވާނުންގެ އުއްމީދުތަކާއި ގުޅިފައި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު އިގްތިސާދީ ގޮތުން ގައުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ހަމަމިއާއެކު ބްރިޖް ވެގެންގޮސްފައިވަނީ ރާއްޖޭގެ ޒުވާނުންގެ އުއްމީދުތަކާއިވެސް ގުޅިފައިވާ ބްރިޖަކަށެވެ.

ތަހުޒީބާ ތަމައްދުންގެ އޮއެވަރާއެކީ ކުރިއަރަމުން މިދާ ޒަމާނުގައި ދިވެހިރާއްޖެވެސް މިދަނީ އުމްރާނީ ގޮތުން ތަރައްގީވަމުންނެވެ. އައު ބިނާތަކާއި ޕާކުތަކާއި ފިނި މައިޒާންތަކާއި ހޮޓާ ރެސްޓޯރެންޓްތައް އަދި ލިންކް ރޯޑްތައް ދަނީ އިތުރުވަމުންނެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭނެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ދަނީ ވިސްނަމުންނެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

މިގޮތުން ރައީސް ޔާމީންގެ ވައުދުތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވަގެން ކުރިއަށް ގެންދަވާ އެއް ޕްރޮޖެކްޓަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ.

img:http://s2.psmnews.mv/images/660x400/6223.jpg|މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދޭނެ ބްރިޖު / 2018 މޭމަހު މިބްރިޖުގެ މަސައްކަތް ނިމެނޭ

"ބްރިޖް" މި ބަސް ނުވަތަ ލަފްޒު މިހާރު ވަނީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލްވެފައެވެ. ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޤްބޫލް ސޯޝަލް މީޑިއާގެ ވަސީލަތެއްކަމުގައިވާ ފޭސްބުކްގައިވެސް ބްރިޖަށް ނިސްބަތްކޮށް ލިޔެފައިވާ ސްޓޭޓްމަންޓްތައް މަދެއް ނޫނެވެ. ޒުވާނުންގެ ފޭސްބުކް ސްޓޭޓަސް ތަކުގައި "ސައިކަލް ބުރުޖަހަން އަހަރެން ސައިކަލް ގަންނާނީ ބްރިޖް އެޅުމުން"ނެވެ. މިފަދަ މަޖާ ސްޓޭޓްމެންޓްތަކުން ފެށިގެން ބްރިޖާމެދު ދެކޭ ހުވަފެންތައް ބަޔާންކޮށް ސީރިއަސް ފޮނި އިބާރާތްތައް ލިޔެފައި ހުންނަތަންވެސް ފެނެއެވެ.

މިކަމުން ދޭހަވަނީ މި ބްރިޖް ވެގެންދާނީ ޒުވާނުންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނުވާނެ އެއްޗެއެްގެ ގޮތުގައެވެ. ހުޅުމާލެއިން ފްލެޓް ލިބިފައިވީނަމަވެސް ދިގުދަތުރެއްކޮށްފައި ދާންޖެހޭތީ ހުޅުމާލެއަށް ބަދަލު ނުވާވަރަށް ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. އެހެންނަމަވެސް ތޮއްޖެހިފައިވާ މާލޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ވާހަކަތައް ދެކެވެން ފެށުމާއި އެކު ތޮއްޖެހިފައިވާ މާލޭގައި ކުޑަ ތަންކޮޅެއްގައި ދިރިއުޅެމުންދާ މީހުންވެސް ޚިޔާލު ބަދަލުކޮށް މިހާރު މިވަނީ ހުޅުމާލެއަށް ހިޖްރަކުުރުމުގެ ރޭވުންތައް ފަށާފައެވެ. ގިނަ ޒުވާނުންގެ ވާހަކައިން ދޭހަވާގޮތުގައި ހުޅުމާލެއަކީ އުޅެން ހިތް ފަސޭހަތަނެކެވެ.