ޚަބަރު

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް


ކ. ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި މުވައްޒަފުންނަށް ހިތްފަސޭހަ މާޙައުލެއް ގާއިމުކުރުމުގެ މަގުޞަދުގައި މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ގުރައިދޫގައި ހުންނަ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެފަރާތްތައް އަލުން މުޖުތަމަޢަށް އަނބުރާ ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދިި އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މިފަދަ ގިނަ ޕްރޮގްރާމްތައް ރާވާ، އެފަރާތްތަކުގެ ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ މިފަދަ ކަންކަމަކީ އިޖުތިމާޢީ ހުނަރުތައް އެފަރާތަކަށް ދަސްކޮށްދީ އިޖުތިމާޢީ ކަންކަމަށް އިތުރަށް އަހުލުވެރިކުރުވުމަށް ބާރުއަޅާ، އެ މަގުފަހިކޮށްދިނުމުގެ ނިޔަތުގައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށެވެ. އަދި ޕްރޮގްރާމް ހިންގުމުގައި ކ. ގުރައިދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމެއްކަމަށްވެސް އެވުޒާރާއިން ފާހަގަކުރިއެވެ.

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ބޭނުންކުރަމުން އަންނަ ފަރުވާގެ މޮޑެލްގެ ދަށުން ފަރުވާއާއި ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެ ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ވިދާޅުވެއެވެ. އަދި އެފަރާތްތައް ރީހެބިލިޓޭޓްކޮށް، ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ގިނަ ޕްރޮގްރާމުތައް މިހާރުވެސް މަރުކަރުކަޒުގައި ކުރިއަށްގެންދާކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައިވެސް މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން ދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.