ކުޅިވަރު

ބްރޫނޯ ފެނާންޑޭސްގެ ދެ ލަނޑާއެކު ޕޯޗުގަލްއަށް މޮޅެއް


ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލްއިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފިންލަންޑް އަތުން މޮޅުވެއްޖެއެވެ.

ޕޯޗުގަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސްގެ ދެ ލަނޑު ފެނިގެންދިޔައެވެ.

މެޗުގައި ޕޯޗުގަލްއިން ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައެވެ. ވިޓީނިއާ ނެގި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރުބެން ޑިއާޒްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްއިން ވަނީ ދެވަނަ ލަނޑެއް ޖަހާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. މިއީ ފިންލަންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ އަންސީ ސުހޯނެން، ޕޯޗުގަލްގެ ފްރަންސިސްކޯ ކޮންސެސާއޯއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ޕޯޗުގަލުން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ހާފު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރޫނޯ ފެނާންޑޭސްއެވެ.

މި ތިން ލަނޑަށްފަހު ޕޯޗުގަލްއަށް ހަމަނޭވާ ނުލެވި އުޅެނިކޮށް ފިންލަންޑްގެ ތަޖުރިބާކާރު ފޯވާޑް ޓީމޫ ޕޫކީ ވަނީ ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. ނަމަވެސް ޕޯޗުގަލްއަށް އަނެއްކާވެސް އުއްމީދެއް ގެނެސްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އޭނާ ވަނީ ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެއެވެ. އޭނާ އެންމެ އަވަހަށްވެސް ފެނުން ގާތީ ޔޫރޯ ފެށުމުގެ ކުރިން ޕޯޗުގަލް ކުޅޭ އެކުވެރިކަމުގެ ފަހު މެޗުގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި އަޔަލަންޑެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ.