ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ 112 ވަނަ އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ދެއްވި ހިތާބުގައެވެ.
ސުވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ 112 ވަނަ އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައި.އެލް.އޯގައި ބައިވެރިވެ، މަސައްކަތުގެ މައިދާނުގައި މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި މަސައްކަތްތެރިކަން ކުރިއެރުވުމުގެ މަޤުސަދުގައި ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ޤާނޫނުއަސާސީތަކާއި މުއައްސަސާތަކަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑރ. މާރިޔާ ވިދާޅުވީ، ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން އެތައް މަސައްކަތެއް ކުރައްވާފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށާއި އިޖްތިމާއީ އިންސާފުވެރިކަން ދެމެހެއްޓުމަށް ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި، ހަމަހަމަ މުޖުތަމައެއް ޤާއިމުކުރުމަށް ދެއްވާ އެއްބާރުލެއްވުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
112 ވަނަ އިންޓަނޭޝަނަލް ލޭބަރ ދުނިޔޭގެ އެކި ޤައުމުތައް ބައްދަލުވެ، އައި.އެލް.އޯގެ އެކި އުސޫލުތަކާމެދު މަޝްވަރާކޮށް އިޖުތިމާއީ ގޮތުންނާއި މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ.