ޚަބަރު

ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރާނަން: މޯދީ


  • މޯދީގެ ޕާޓީން ވަނީ އާއްމު އިންތިހާބުގައި ކުރި ހޯދާފައި

  • ރައީސްގެ ތަހުނިޔާއަށް މޯދީ ވަނީ ޝުކުރު އަދާކުރައްވާފައި

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ އާއްމު އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ ކޯލިޝަނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެނެވެ.

ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ބީ.ޖޭ.ޕީން ތިންވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖާއި ގުޅިގެން މޯދީ ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. މޯދީ ވިދާޅުވީ ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުވެސް ވަނީ މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ނައިބު ރައީސްގެ ތަހުނިޔާގެ މެސެޖަށްވެސް މޯދީ ވަނީ ޝުކުރު ދަންނަވާފައެވެ.