ޚަބަރު

ސަޢުޔު ކުރާއިރު ފެހި ކުލައިން ފާހަގަކޮށްފައި ހުންނަ ތަނުގައި ހިނގުން އަވަސް ކުރަނީ ކީއްވެ؟


އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ތަބާވެވަޑައިގަތުމުގެ ގޮތުން، އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ހާޖަރާއި ދަރިކަލުން އިސްމާޢީލުގެފާނު މައްކާގެ ހަނަފަސް ވާދީގެ ތެރެއަށް ދޫކޮށްލެއްވީ ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ 2000 ވަރަކަށް އަހަރު ކުރީންނެވެ. އެ ދެމައިކަނބަލުން ދޫކޮށްލެއްވީ ފުރާގުގެ ގޮތުގައި ޖަނަވާރު ހަމުގެ ފެންހަމެއްގައި އޮތް ފެންފޮދަކާއި ކަދުރުކޮޅެއް ދެއްވާފައެވެ. ނަމަވެސް އެ ކަދުރުކޮޅާއި ފެންފޮދު ދާދި އަވަހަށް ހުސްވެ ހާޖަރާއި ލޮބުވެތި ދަރިކަލުންނަށް ބަނޑުހައިކަމާއި ކަރުހިއްކުމުގެ ވޭން ތަޙައްމަލު ކުރައްވަން ޖެހިވަޑައިގަތެވެ. އެ ހާލުކޮޅުގައި ކަންބޮޑުވެވަޑައިގެން އެ ވާދީގައި އެކަމަނާ ދުވެވަޑައިގެންނެވިއެވެ.

ތުއްޕުޅު އިސްމާއިލްގެފާނު ބަނޑުހައިފުޅުކަމާއި ކަރުފުޅުހިއްކުމުގެ ވޭނުގައި ކީރިތި ކުރައްވަމުން ގެންދެވިއިރު އެކަމަނާ ވެސް ހުންނެވީ ގަދަ ހޫނުގެ ސަބަބުން މީހަކަށް ތަސައްވުރު ވެސް ކޮށްނުލެވޭފަދަ ހާލުކޮޅުގައެވެ. ނަމަވެސް އެ ދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ފެނިވަޑައިގަންނަވާތޯ އެކަމަނާ ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދެމެދުގައި ހިންގެވިއެވެ. އަދި ފަރުބަދައިގެ އަޑިވެފައި ހުންނަ ދިމާލުގައި އެކަމަނާގެ ހިންގެވުން އަވަސްކުރެއްވިއެވެ. އެގޮތުން ހިންގަވަމުން ހަތްވަނަ ފަހަރަށް މަރުވާ ފަރުބަދަޔަށް އަރައިވަޑައިގަންނަވަނިކޮށް ތުއްޕުޅު އިސްމާޢީލު އޮންނެވި ތަނާ ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގެންނެވިއެވެ. އެއާއެކު އެކަމަނާ އެދިމާލަށް ބެއްލެވުމުން އިސްމާއީލްގެފާނުގެ ފައިންޕުޅުކައިރިން ފެން އާރެެއް ފެނިވަޑައިގަތެވެ. އެއީ ޒަމްޒަމް ފެނެވެ.

އުމްރާއާއި ޙައްޖުގެ އަޅުކަމުގައިވެސް ސަޢުޔުކުރުމަކީ މިހާރު ކުރަންޖެހޭ ކަމެކެވެ. އެކަން ކުރަނީ އެހާދިސާ އައުކުރުމުގެ ގޮތުންނެވެ. އަދި ޞަފާއާއި މަރުވާ ފަރުބަދައާ ދެމެދު އަޅުގަނޑުމެން މިހާރު ސައުޔު ކުރާއިރު ހާޖަރުގެފާނު އެކަމަނާގެ ހިންގެވުން އަވަސްކުރެއްވި ތަން ފެހިކުލައިގެ ބޮކިތަކަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އެހިސާބަށް އާދެވުމާއެކު ފިިރިހެނުންގެ ހިނގުން ބާރުކުރައްވައެވެ.

"ކޮންމެ ފަހަރަކު އެކަމަނާ ދަރިކަލުންގެ ހާލު ބައްލަވާ. ދެން އަނެއްކާވެސް ދާ ފަހަރު އެ އަޑިގަނޑުގައި ހިނގުން އަވަސްކޮށްލަނީ. އެގޮތަށް ކަންތައް ކުރައްވަމުންގޮސް ދަރިކަލުންގެ ފައިންޕުޅު ޖެހިވަޑައިގެން ތަނުގައި ފެން އާރެއް މިހުރީ. ވީ އުފަލުން އެކަމަނާ ގައުތައް ގެނެސް ފެން ރައްކާ ކުރައްވަން މަސައްކަތް ކުރެއްވި." ޝައިޚް މުޙައްމަދު ޠައްޔިބު ވިދާޅުވިއެވެ.

ޒަމްޒަމްގެ ރަޙުމަތް ބާވައިލެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްކާ އާބާދުވިއެވެ. ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެޝަހަރު ޢަރަބިކަރައިގެ އެންމެ މުހިންމު ޝަހަރަށްވިއެވެ. އިސްމާޢީލުގެފާނު އަވަހާރަވެ، އެކަލޭގެފާނުގެ ބޭބޭފުޅުން ވެސް އަވަހާރަވުމަށް ފަހު، އެއިރު މައްކާގައި ވެރިކަން ކުރި ޖުރްހުމް ޤަބީލާގެ މީހުން މައްކާގައި ފިތުނަފަސާދަ އުފައްދަން ފެށިއެވެ. މައްކާގެ ކަންތައްތައް ބަދަލުވެގެން ދިޔަގޮތުން، ޖުރްހުމް ޤަބީލާގެ މީހުން ޝަހަރުން ނިކުމެގެން ހިނގައިދާން ޖެހިދާނޭކަމުގެ ނިޝާންތައް ފެންނަން ފެށުމުން، ޖުރްހުމްގެ ވެރިޔާ ޒަމްޒަމް ވަޅުކޮޅަށް ފަސް އަޅައި ފޮރުވިއެވެ. އޭގެ ފަހުން އިތުރު ރަސޫލާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު ބިން ހާޝިމުގެ ދައުރާ ހަމަޔަށް އެ ވަޅުކޮޅުގެ ޚަބަރު އޮތީ ވަންހަނާ ވެފައެވެ. ނަމަވެސް ޢަބްދުލްމުއްޠަލިބުގެފާނަށް ހުވަފެންފުޅަކުން ލިބިވަޑައިގަތް އިޝާރާތަކާ ވިދިގެން އެ ވަޅުކޮޅު އަނެއްކާވެސް ކޮންނެވިއެވެ. އެއީ އިތުރު ރަސޫލާ އުފަންވެވަޑައިގަތުމުގެ ތިރީހަކަށް އަހަރު ކުރީންނެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ޒަމްޒަމްގެ ބޭނުން ދަނީ ކުރެވެމުންނެވެ.

ޢަބްދުލްމުއްޠަލިބުގެފާނުގެ ޒަމާނުގައި ޒަމްޒަމް ވަޅުކޮޅު ކޮންނެވުމަށް ފަހު ވެސް އެ ވަޅުކޮޅު ހުރީ އާދައިގެ ވަޅެއްގެ ސިފައިގައެވެ. ވަޅުކޮޅުގެ ވަށައިގެން ހުރީ އާދައިގެ ހިލައިގެ ފާރެކެވެ. ނަމަވެސް މީލާދީން 771 ގައި ޢައްބާސީ ޚަލީފާ އަލްމަންޞޫރު، ޒަމްޒަމް ވަޅުކޮޅަށް ހިޔާ ލިބޭ ގޮތަށް ގުއްބެއް ބިނާ ކުރެއްވިއެވެ. އޭގެ ފަހުން އެކި ދައުރުތަކުގައި މުސްލިމް ވެރީން ވަނީ ވަޅުކޮޅު ހުންނަ ތަން ހިޔާ ކުރައްވައި ޒީނަތްތެރި ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައެވެ. ސަޢުދީ ޢަރަބިއްޔާގެ ރަސްކަން އުފެދުމަށް ފަހު ސަޢުދީ ރަސްރަސްކަލުން ވަނީ ޒަމްޒަމް ވަޅުކޮޅު ހުންނަ ސަރަހައްދު ވަރަށް ބޮޑަށް ބަދަލު ކުރައްވާފައެވެ. މިއަދު އެ ވަޅުކޮޅު ހާމަޔަށް ފެންނާކަށް ނުހުރެއެވެ. މިހާރު ޒަމްޒަމް ވަޅުކޮޅު ހުންނަނީ ޠަވާފު ކުރާ ތަނުގެ އަޑިއަށް ވާގޮތަށެވެ. ވަޅުކޮޅުން ފެން ނަގަނީ ބިމުއަޑީން ވަޅުކޮޅަށް ގުޅާލާފައިވާ ފެން ޕަންޕުކުރާ ނިޒާމެއްގެ އެހީގައެވެ.