ކުޅިވަރު

ޔޫރޯ 2024: ގްރޫޕް ސީ


އެންމެ ފަހުގެ މުބާރާތުގައި ކުރިމަތިވީ ހިތްދަތިކަން ފިލުވާލުމަށް ނިކުންނަ އިންގްލަންޑް ލައްވާލި ގްރޫޕް ސީގައި ދެން ހިމެނެނީ ސްލޮވީނިއާ އާއި، ޑެންމާކް އަދި ސާބިއާއެވެ.

މި ފަހަރުގެ މުބާރާތަށް އިންގްލަންޑް ކޮލިފައިވީ ޔޫކްރޭނާއި އިޓަލީއާއެކު އުނދަގޫ ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި މެޗަކުން ބަލިނުވެ، ޖާގަ ކަށަވަރުކުރި މަދު ޓީމުތަކުގެ ތެރޭގައި އެ ޓީމު ހިމެނުނުނެވެ.

މިދިޔަ އަހަރުތަކުގައި އިންގްލަންޑުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެ ޓީމުން ވަނީ އެންމެ ފަހުގެ ޔޫރޯގެ ރަނަރަޕް މަގާމު ހާސިލްކޮށްފައެވެ. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އޭގެކުރިން ކުޅުނު މުބާރާތުގެ ސެމީގައި ކުޅުނެވެ. 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބޮޑު މުބާރާތެއްގެ ތަށި ހޯދިފައިނުވުމަކީ އެ ޓީމަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމެވެ.

މި ގްރޫޕުގައި ހިމެނޭ ޑެންމާކަކީ 1992 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަނެވެ. އެ ޓީމުން އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން އެ ޓީމުން ޖެހިޖެހިގެން ޔޫރޯގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ކޮލިފައިން ދަށްކޮށް ފެށި ނަމަވެސް، ގްރޫޕުގެ އެއްވަނަ މަގާމު ހާސިލުކުރިއެވެ

މިއީ ސްލޮވީނިއާ އިން ބޮޑު މުބާރާތެއްގައި ކުޅޭ ހަތަރުވަނަ ފަހަރެވެ. އަދި 2010 ވަނަ އަހަރުގެ ފަހުން އެ ޓީމުން ބޮޑު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުގެ މުބާރާތަށް އެ ޓީމު ކޮލިފައިނުވެއެވެ. ސްލޮވީނިއާ އިން މިހާތަނަށް ޔޫރޯގައި ވާދަކުރި ހަމައެކަނި ފަހަރުގައި 2000 ވަނަ އަހަރު ކެޓީ ގްރޫޕް ސްޓޭޖުންނނެވެ. ސްލޮވީނިއާއިން މި ފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ޑެންމާކާ އެއް ގްރޫޕެއްގައި އޮވެ، ދެވަނަ ޓީމުގެ ގޮތުގައެވެ.

ސްލޮވީނިއާ އެކޭ އެއްގޮތަށް ގްރޫޕް ސީގައި ހިމެނޭ ސާބިއާއިން ޔޫރޯގައި އެންމެ ފަހުން ވާދަކުރީ 2000 ވަނަ އަހަރެވެ. އެންމެފަހުގެ ޔޫރޯއަށް އެ ޓީމު ކޮލިފައިނުވެއެވެ.. މިހާތަނަށް ދެ ފަހަރު (1960 އަދި 1968) ގައި ޔޫގޯސްލާވިއާގެ ނަމުގައި ކުޅެ ރަނަރަޕް މަގާމު ވަނީ ހާސިލުކޮށްފައެވެ. މި އަހަރުގެ މުބާރާތަށް އެ ޓީމު ކޮލިފައިވީ ހަންގޭރީ އާއި މޮންޓެނީގްރޯ އާއެކު އެއް ގްރޫޕެއްގައި ހިމެނި ދެވަނަ ޓީމުގެ ގޮތުގައެވެ.
ގްރޫޕް ސީގެ ފުރަތަމަ މެޗުތަކުގައި ސްލޮވީނިއާ އާއި ޑެންމާކް ބައްދަލުކުރާއިރު، އިންގްލަންޑް ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ.