ކުޅިވަރު

ޔޫރޯ 2024: ގްރޫޕް ބީ


މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި "ގްރޫޕް އޮފް ޑެތު" ގެ ނަމުން ނަންދީފައިވާ ގްރޫޕު ބީގައި ސްޕެއިނުގެ އިތުރުން ދެން ހިމެނެނީ އިޓަލީ އާއި، ކްރޮއޭޝިއާ އަދި އަލްބޭނިއާއެވެ.

ޔޫރޯގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދީ ދެ ޓީމުގެ ތެރޭގައި ހިމެނޭ ސްޕެއިނުން ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އެ ޓީމުން ވާދަކުރީ 11 މުބާރާތުގެ ތެރެއިން ޗެމްޕިއަންކަން ހޯދީ 1964 އާއި 2008 އަދި 2012 ވަނަ އަހަރުގައެވެ.

އެންމެ ފަހުގެ ޔޫރޯގައި ސެމީ ފައިނަލްގައި ކުޅުނު ނަމަވެސް، 2022 ވަނަ އަހަރު ކުޅެވުނު ފީފާ ވޯލްޑް ކަޕުގައި އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ. މުބާރާތުގެ ތާރީޚުގައި ތަށި ދިފާއުކުރި ހަމައެކަނި ޓީމުގެ ޝަރަފު ލިބިފައިވާ ސްޕެއިނުން މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ނޯވޭ އާއި ސްކޮޓްލަންޑް ހިމެނުނު ވަރުގަދަ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މަރުގެ ގްރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ފަހުގެ މުބާރާތް ކާމިޔާބުކުރި އިޓަލީ އަކީ ފޭވަރިޓެކެވެ. 1968 އާއި 2020 ވަނަ އަހަރުގެ ޗެމްޕިއަނުންނަށް މި އަހަރުގެ މުބާރާތަށް ކޮލިފައިވުމުގައި ދަތި އުނދަގޫތަކާ ކުރިމަތިލާންޖެހުނެވެ. އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ޔޫރޯ ކޮލިފައިން ފެށިއިރު ހުރި ކޯޗު ރޮބާޓޯ މަންޗިނީ މަގާމުން ވަކިވިއެވެ. އެއަށްފަހު ދެން ކޯޗުގެ މަގާމާ ހަވާލުވި ލޫސިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން އިންގްލަންޑާއި ޔޫކްރޭނާ އެއް ގްރޫޕެއްގައި ހިމެނިގެން އެ ޓީމަށް ދެވަނަ މަގާމު ލިބުނީ ލަނޑުގެ ތަފާތުންނެވެ.

ޖެހިޖެހިގެން ޔޫރޯގެ ހަވަނަ މުބާރާތަށް ކުރިމަތިލާ ކްރޮއޭޝިއާއިން މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ތުރުކީ އާއި ވޭލްސް އާއެކު ވަރުގަދަ ގްރޫޕެއްގައި ހިމެނި، ދެވަނަ މަގާމު ހާސިލުކޮށްގެންނެވެ. މިހާތަނަށް ކުއާޓާ ފައިނަލަށްވުރެ ދުރަށް ދެވިފައިނުވާ މި ޓީމަކީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް، އެންމެ ފަހުގެ ޔޫރޯގައި އެ ޓީމު ކެޓީ ދެވަނަ ބުރުންނެނެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އަލްބޭނިއާ އަކީ ނަމުގެ ގޮތުން ދުނިޔޭގެ ފުޓްބޯޅައިގައި ނަން ހިނގާ ގައުމަކަށްނުވިޔަސް، އެ ޓީމު ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމުން ވަނީ ޕޮލަންޑާއި ޗެކް ރިޕަބްލިކް ފަދަ ޓީމުތައް ފަހަތަށް ޖައްސާލާފައެވެ. މި ފަހަރުގެ ޔޫރޯ އަކީ އަލްބޭނިއާގެ ދެވަނަ މުބާރާތް. އެންމެ ފަހުގެ މުބާރާތަށް ކޮލިފައިނުވި ނަމަވެސް، 2016 ވަނަ އަހަރުގެ މުބާރާތުގައި ވަނީ ވާދަކޮށްފައެވެ.

ގްރޫޕް ބީގައި އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ސްޕެއިނާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗެވެ. މި ގްރޫޕުގެ ދެވަނަ މެޗުގައި އިޓަލީ ނިކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ.